މި އަހަރަކީ މި ފަހުން އެންމެ ގިނަ ދިވެހިން ހައްޖަށް ދިޔަ ފަހަރު ކަމަށް އަމީރުލްހައްޖުގެ ގޮތުގައި ކަނޑައަޅާފައިވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަފީއު މިފަދައިން ވިދާޅުވީ ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުމަށްޓަކައި މިއަދު ވެލާނާ އެއާޕޯޓުގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައެވެ.
ޝަފީއު ވިދާޅުވީ މިހާ ހިސާބަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރުގައި ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީއިން ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް އެންމެ ގިނަ ދިވެހިން ހައްޖަށް ދިޔަފަހަރުކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ މިއަހަރު 1100 އަށް ވުރެ ގިނަ ދިވެހިން ހައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްފައިވާ ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން ހައްޖުވެރިންގެ ހާލަތު ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށާއި ހުރިހާ ކަމެއްވެސް ދަނީ ތަރުތީބުކޮށްފައިވާ ގޮތަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.
މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ތިން ގްރޫޕެއް މީގެ ކުރިން މައްކާއަށް ގޮސްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ހަރަދުގައި ފަގީރުން ހައްޖަށް ފޮނުވުމުގެ ވައުދުފުޅުގެ ދަށުން 50 މީހަކު މި ފަހަރު ވަނީ ހައްޖަށް ފޮނުވާފައެވެ.