1445 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރު އިސްމާއިލް ޝަފީއު ކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެއެވެ.

މިއަދު ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ރައީސް ކަނޑައަޅުއްވާފައި ވަނީ އިސްމާއިލް ޝަފީއު ކަމަށާއި އެބޭފުޅާ ވެސް މިއަދު ހައްޖަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. ނިމިދިޔަ އަހަރު އަމީރުލްހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމެވެ.

ރާއްޖެއިން ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު މައްކާއަށް ގޮސްފައިވާއިރު ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވާ 150 މީހުން މިއަދު ފުރާފައިވާއިރު މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާފައެވެ. މިއީ މިހާ ގިނަ އަދަދެއްގެ ހައްޖުވެރިން އެ ކުންފުނީގެ ހަވާލު ކުރާ ދެވަނަ ފަހަރު ކަމަަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިއަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަން އަށް އެކަނިއެވެ. އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށް މިނިސްޓަރު ޝަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.