2023 ވަނަ އަހަރު އެސްޓީއޯގެ ޑިވިޑެންޑް ނުވަތަ ހިއްސާ ބެހުމަށް ރެކޯޑް ނަގާ ތާރީހަކީ ޖޫން މަހުގެ 26 ވަނަ ދުވަސް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ހިއްސާ ބެހުމަށް ރެކޯޑު ނެގުމުގެ އިތުރުން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ގައި ބައިވެރިވުމަށް ވެސް ހަމަ މި ތާރީހުގައި ރެކޯޑް ނަގާނެ ކަމަށެވެ.

މީގެއިތުރުން އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ހިއްސާދާރުންނާއެކު އިއްޔެ ނުރަސްމީ ބައްދަލުވުމެއް އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި ބާއްވާފައެވެ. މިއީ ހިއްސާދާރުންނާއެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއް ކަމަށް ވުމާއެކު މި ބައްދަލުވުމަށް ޕްރޮކްސީ އައްޔަން ކުރުމެއް ނެތެވެ. އަދި މި ބައްދަލުވުމުގައި ބައިވެރި ކޮށްފައިވަނީ ރަޖިސްޓަރީކުރާ ތާރީހާ ހަމައަށް އުމުރުން 16 އަހަރު ފުރިފައިވާ ކުންފުނީގެ ހިއްސާދާރުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 617 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާ އިރު 18 ޕަސެންޓްގެ ކުރިއެރުމެކެވެ.