ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ މުޖުތަމައުގައި ހަމަހަމަ ކަމުގެ ސަގާފަތެއް އާލާ ކުރުމުގެ މަގްސަދުގައި އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަދި ހަމައެހެންމެ ނުކުޅަދެންތުރިކަން ހުންނަ މީހުން މުޖްތަމައުގައި ބާރުވެރިކުރުމާއި ހުރިހާ ފަރާތްތައް ޝާމިލްވާ މުޖްތަމައުއެއް ބިނާ ކުރުމަކީވެސް މި ޕްރޮގްރާމްގެ އެއް އަމާޒެވެ. މި ޕްރޮގްރާމުގެ ތެރެއިން އެފަދަ ފަސް މީހުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިކަމާ ގުޅޭ ފަހުމުނާމާގައި ސޮއި ކުރުމަށް އެމްއޭސީއެލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެމްސީއެލްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަމްއާން އެވެ. އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް އަހުމަދު އާތިފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަމްއާން ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން އިންޓާންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ހުނަރުވެރި ފަރާތްތަކެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު އާތިފް ވިދާޅުވީ އެފަދަ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލް އިން މީގެ ކުރިންވެސް މިފަދަ ޕްރޮގްރާމްތައް ވަނީ ރާވާ ހިންގާފައެެވެ.