ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ)ގެ ކެމްޕެއިނަށް ލިބުނު ފައިސާ އިން ބާކީވި ފައިސާ ޓައިނީ ހާޓްސްއަށް ހަދިޔާ ކުރައްވައިފިއެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުޑޫ ކުރެއްވީ އާންމުންނާއި ސަޕޯޓަރުންގެ އެހީގައި ކްރައުޑް ފަންޑިން ހޯއްދަވައިގެންނެވެ. އެ ފައިސާ އޮޑިޓްކޮށް ކެމްޕެއިނަށް ފަހު ބާކީ ހުރި ނަމަ ހަދިޔާކުރެއްވުމަކީ ކުޑޫގެ ވައުދެކެވެ.

އެ ވައުދު ފުއްދަވަމުން ކުޑޫ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެމްޕެއިނަށް ކުރި ހަރަދު އޮޑިޓްކުރުމަށް ފަހު ބާކީ ހުރި ފައިސާ ޓައިނީހާޓްސްއަށް ހަދިޔާކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިގޮތުން އޭނާ ވަނީ ކެމްޕެއިން އިން ބާކީވީ 19،8861 ރުފިޔާ ޓައިނީ ހާޓްސްއަށް ހަދިޔާ ކުރައްވާފައެެވެ.

ޓައިނީ ހާޓްސްއަކީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ، ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެކެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ކުޑޫ ކާމިޔާބު ކުރެއްވީ އީވާ އަބްދުﷲ އާއި ވާދަ ކުރެއްވުމަށްފަހު އެވެ. ކެމްޕެއިން ދުވަސްވަރު ކުޑޫ އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ދެފުން ފެންނަ ގޮތަކަށް މަސައްކަތް ކުރެއްވުމަށެވެ.