އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހީނަރުވެފައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ގައުމުގެ ވެރިން މަސައްކަތް ކުރައްވަމުން ގެންދަވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުގެ އިތުރުން ލަކްޝަދީޕް މައްސަލައިގައި ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އިތުރުން އިންޑިއާއިން ވެސް ދަނީ އެ މައްސަލަތައް ހައްލުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މޯދީ ތިން ވަނަ ދައުރަކަށް ހޮވުމާ ގުޅިގެން ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒު ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަން ދެއްވީ އެ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ކަމުގެ މައްޗަށެވެ. އަދި ހަމައެހެންމެ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ދެގައުމުގެ ގުޅުން ކުރިޔަށް ދަނީ ރަނގަޅު މިސްރާބަށްކަން ރަމްޒު ކޮށްދޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިއު ދިއްލީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ގައުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ ރައީސް ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.
ދެ ގައުމުގެ ގުޅުން ރަނގަޅުވަމުންދާ މި ދަނޑިވަޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެގައި ވިދާޅުވީ، ދުރު ވިސްނުން އިސްކުރައްވާ ރާއްޖެއާއި އިންޑިއާގެ ހާރިޖީ ސިޔާސަތުތައް ހަރުދަނާ ކުރުމަށް ދެ ގައުމުގެ ވެރިން ކުރައްވާ މަސައްކަތްޕުޅަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް ވެސް ހެޔޮ އެދުންތައް އެމަނިކުފާނު ވަނީ އަރިސް ކުރައްވާފައެވެ.
ރައީސް ނަޝީދު ފާހަގަ ކޮށްލެވެނީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް އަދި އެހެނިހެން ދުވަސްވަރުގައި ވެސް އަބަދުވެސް އިންޑިއާ ވަރަށް ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ދެ ގައުމުގެ ގުޅުން ހީނަރުވި ދުވަސްވަރުވެސް ނަޝީދު ވަނީ އިންޑިއާ އެއްކޮޅަށް ވަކާލާތު ކުރައްވާފައެވެ.