މިދިޔަ ހަފްތާގެ ބުދަ ދުވަހު މަރުވި އުމުރުން ނުވަ އަހަރުގެ ކުޑަކުއްޖެއްގެ މަރުގައި، ހޮސްޕިޓަލުގެ އެއްވެސް އިހުމާލެތް އޮތްތޯ ބަލަމުން އަންނަކަމަށް އައިޖީއެމްޗް އިން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ އެ ކުއްޖާގެ މަރުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް މިހާރު ބަލަމުން ދާ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ކުއްޖާ ނިޔާވުމުގައި ހޮސްޕިޓަލުން އިހްމާލު އޮތްކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާއިރު އެންމެ ފުރަތަމަ އެކުއްޖާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މި ދިޔަ ހޯމަ ދުވަހު ހުން އައިސްގެންނެވެ. އަދި ކުއްޖާގެ ހުން 103 ފެރަންހައިޓްގައި ހުރި އިރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ނުވެއެވެ.
އައިޖީއެމްއެޗުން ކުއްޖާއަށް ދިން އިންޖެކްޝަނެއްގެ ސަބަބުން ހޮޑުލެވި ކުއްޖާގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު އަންގާރަ ދުވަހު ކުއްޖާގެ ޓެސްޓް ރިޕޯޓްތަކުން ކުއްޖާގެ ހާލަތު ރަނގަޅު ނޫންކަމަށް ދައްކާފައިވެއެވެ. އަދި ކުއްޖާ މަރުވި ފަހުން، ލިބުނު ލޭގެ ރިޕޯޓްގައި ކުރިން ޑެންގޫހުން ޖެހިފައިވާކަން އެނގެން އޮތް ނަމަވެސް އެންޓިންޖެން ޓެސްޓްގައި ޑެންގޫއަށް ނެގެޓިވްކަމަށް ވަނީ ދައްކާފައެވެ.
އެކުއްޖާ ނިޔާވުމުގައި ހޮސްޕިޓަލުގެ އިހްމާލުވުން އޮޮތްކަމަށް ތުހުމަތުކޮށް އާއިލާއިން އެ މައްސަލަ ޖައްސާފައިވާއިރު އައިޖީއެމްއެޗްއިން ބުނީ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހޮސްޕިޓަލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމުގެ މައުލޫމާތު ހިއްސާކުރާނެކަމަށެވެ.