ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ރައީސްގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ މުޅި މުޖުމަތައުގެ އެންމެހާ ރައްޔިތުންނާވެސް ގުޅިފައިވާ ކަމަކަށްވާއިރު، ފަރުދީ ގޮތުން ކޮންމެ ރައްޔިތަކުވެސް އަދާކުރައްވަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ސާޖިދާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކުޑަކުރެވިގެން ދާނެ ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި މެދު އާންމުންނާއި ކަމާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކުރުމަކީ ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ބަލިތައް ކޮންޓްރޯލްވެ އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހަށްވާއިރު އެ ދުވަހުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިގްތިސޯދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.
މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ" އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރަން ޖެހޭއިރު މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،200 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ.
މިއަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ކާބޯތަކެތީގެ ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމާއި ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް 2023 ގައި ބޭއްވި ކުރެހުން މުބާރާތައް ހުށަހެޅި ކުރެހުންތައް ހިމެނައިގެން ތައްޔާރުކޮށްފައިވާ" ކޮފީ ޓޭބަލް އާޓް ބުކް" އެ ރަސްމިއްޔާތުގައި ވަނީ އިފްތިތާހްކޮށްފައެވެ.