މިދިޔަ ދެ މަސް ތެރޭ 17.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިއަދު ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ 7.8 ކިލޯގެ މަސްތުވާތަކެއްޗަކީ 17،726،000 ރުފިޔާގެ މަސްތުވާތަކެއްޗެވެ. އޭގެތެރޭގައި 5،670 ގްރާމްގެ ކޮކެއިން، 1،690 ގްރާމްގެ ސިންތެޓިކް ކެތިނޯ، 300 ގްރާމްގެ ހެރޮއިން އަދި 180 ގްރާމްގެ ސިންތެޓީކް ކެތިނޯން ވަނީ އަތުލައިގަނެފައެވެ.
މި ތަކެއްޗަކީ މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 25 ގެ ނިޔަލަށް އެކި ދުވަސްތަކުގެ މަތިން އަތުލައިގަނެފައިވާ މަސްތުވާތަކެއްޗެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރުން އަދި ކުރިއަރު މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތައް ހުރުމުން އިތުރަށް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.
މީގެއިތުރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމްސް އިން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި އެ މުއްދަތުގައި 13،536 ގްރާމްގެ ސިންތެޓިކް ކެތިނޯން ވަނީ ހިފަހައްޓާފައެވެ.
އަދި 18،855 ގްރާމްގެ ކޮކޭން ހިފަހައްޓާފައިވާއިރު 101.80 ގްރާމްގެ ކެނަބިސް ވަނީ އެ މުއްދަތުގައި ހިފަހައްޓާފައެވެ. އަދި 910 ގްރާމްގެ ހޭޝް އޮއިލާއި 4،714 ގްރާމްގެ މެތްއެމްފަޓަމިންގެ އިތުރުން 451 ގްރާމްގެ އެމްފެޓަމިން ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުންވެސް 25 ގްރާމްގެ ސިންތެޓިކް ކެނަބިނޮއިޑްސްއާއި 7،400 ގްރާމްގެ ކޮކޭން ވަނީ ހިފަހައްޓާފައެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުވެސް ވަނީ ވެލާނާ އެއާޕޯޓުން 5 ކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސެއް ހައްޔަރުކޮށްފައެވެ. މަސްތުވާތަކެތީގެ މި މައްސަލާގައި މާލޭ އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީގެ ޒުވާނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި ސަރުކާރުން ދަނީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފުލުހުންވެސް ވަނީ ސަރުކާރުގެ އަމާޒަށް ވާސިލް ވުމަށް ފުލުހުންގެ އެއްބާރުލުމާ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.