ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް ކައުންޓަރަށް ހުށަހަޅާ ފޯމުތައް، ދުވަހުން ދުވަހަށް ރެކޯޑު ސާފުކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭގޮތަށް ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، އެދުވަހުގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް އަވަހަށް ލިބޭނެ ގޮތަށް ހެދުން ކަމަށެވެ. ޕީޖީ އޮފީހަށް ހުށަހަޅާ ފޯމުތައް މީގެ ކުރިން ދޫކުރުމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ.

މީގެއިތުރުން އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކަށް ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް މިހާރުވެސް ދެމުން ގެންދާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ލިންކު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.