ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ހުރިހާ ކަމެއް ރައްޔިތުންނަށް ސާފު ކޮށްދޭން ޖެހޭ ކަމަށާއި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް 'ހިތި ބޭހެއް ބޯންޖެހޭ' ނަމަ އެކަން ވެސް ރައްޔިތުންނަށާއި މަޖިލީހަށް ހާމަކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

ނާޒިމް މިހެން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު އިންތިހާބު މޫސުން ވެސް ނިމިފައިވާ ކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ރައްޔިތުންނަށް ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އަދި ރަށްރަށުގެ ރައްޔިތުންނަށް ވެސް މަޝްރޫއުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވަރަށް ސާފުކޮށް އިނގެންޖެހޭ ކަމަށާއި ރައްޔިތުންގެ އުންމީދު ބިނާވެފައި ވަނީ ސަރުކާރުން ދައްކާ ވާހަކަތަކުގެ މައްޗަށް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

"ހަމަ ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް، އިނގޭތޯ؟ އިންތިހާބުގެ މޫސުން ވެސް މިހާރު މިއޮތީ ނިމިފައި އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ހަމަ ރައްޔިތުން ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ، ރިއާލިޓީއާ ކޮންފްރަންޓު ކުރަން ދަސްކުރަންވިއްޔޭ ހަމަ މިހާރު، އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ،"
ނާޒިމް

ސަރުކާރެކޭ އެއްފަދައިން ފިނޭންސް މިނިސްޓްރީން ވެސް އެ މަންޒަރު ރައްޔިތުންނަށް ރަނގަޅަށް ސާފަކޮށް ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ މާލިއްޔަތު ކޮމިޓީގައިވެސް އިސްކުރަންޖެހޭނީ ޕާޓީގެ މަސްލަހަތު ނޫންކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެއަށްވުރެ ގައުމުގެ މާލިއްޔަތުގެ މަސްލަހަތު އިސް ކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވައްޓެރި ސްރީލަންކާއަށްވީ ގޮތް ހަނދާން އާ ކުރައްވަމުން ނާޒިމް ވިދާޅުވީ ސްރީލަންކާ ބަނގުރޫޓުވެ އެ ގައުމުގެ އިގިތުސާދު އެއްކޮށް ފުނޑުފުނޑުވެ ދިޔައިރު ގާތް އަވައްޓެރި ގައުމުތައް ވެސް ތިބި ކަމަށެވެ. ނަމަވެސް އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުންވެސް ސްރީލަންކާއަށް އެހީތެރި ނުވީ އިގުތިސާދުގެ އަސާސީ ކަންކަން ރަނގަޅު ނުވުމުންކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"އިގުތިސާދެއްގެ އަސާސީ ކަންތައްތައް ރަނގަޅު ނޫން ކަމަށް ވަންޏާ އެމީހުން ވެސް ބުނަނީ އެއީ ހަމަ ރާބޯ މީހަކަށް ލާރި ދިނުން ކަހަލަ ކަމެކޭ، ހަމަ ލާޜިކޮޅު ދޭއިރަށް ގޮސް ބޯލާނެޔޭ އަނެއްދުވަހު ވެސް ލާރި ބަލައި، އެހެންނޫންތޯ؟،" އޭނާ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ހަގީގަތް ހާމަކޮށްގެން މެނުވީ، ޓެކްސް އިތުރަށް ބޮޑުކުރުން ފަދަ ފިޔަވަޅެއް މަޖިލީހަށް ވެސް އަޅައިދެވެން ނޯންނާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވެސް ސައުދީއަރަބިއްޔާ ފަދަ ގައުމުތަކުން މާލީ އެހީ ނުދިނީ ހަމަ އެ ސަބަބާ ހެދި ކަމަށާއި އެގޮތުން ޕާކިސްތާނުގެ މައި މަރުކަޒީ ބޭންކުގައި މިހާރު ވެސް ސައުދީން ތިން ބިލިއަން ޑޮލަރު ޑިޕޮސިޓުގެ ގޮތުގައި ބަހައްޓައި ދީފައި ހުރީ ވޯލްޑު ބޭންކާއި އައިއެމްއެފުން "ބޯން ބުނި ހިތިބޭސް ބޯން އެއްބަސްވީމާ" ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ އަޅުގަނޑުމެން ވެސް ހިތިބޭސް، ބޭސް ސިޓީއެއް އޮތިއްޔާ އެވެސް އެނގެންވިއްޔޭ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކޮށްދޭންވީ ކޮންކަމެއްތޯ، އޭގެ ބަދަލުގައި މިހެން ދަމުންދަމުން ގޮސް ބަނގުރޫޓު ވީމަކާ ކަމަކު ނުދާނެޔޭ،"
މަޖިލީހުގެ ނައިބު. އަހުމަދު ނާޒިމް

އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދިނުމަށް ނާޒިމް ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.