މިހާރު ވެސް އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީއާއި އެ ޕާޓީ އިސްވެ އުފެއްދި ކޯލިޝަން ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) އިން، އެ ގައުމުގެ އާންމު އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަރުހަބާ ވިދާޅުވެއްޖެއެވެ.
މޯދީ އަށް މަރުހަބާ ވިދާޅުވެ އަބްދުއްރަހީމް 'އެކްސް'ގައި، ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމާއި، މުސްތަގުބަލުގައި ދެ ގައުމުން އެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ލިޔުއްވާފައިވެއެވެ.
އަބްދުއްރަހީމްގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ މޯދީ ތިންވަނަ ދައުރެއް ކަށަވަރުކުރެއްވުމުން މަރުހަބާ ދަންނަވައިފައެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި 640 މިލިއަން މީހުން ވޯޓުލާފައި ވެއެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ލޮސްސަބާގެ އަޣުލަބިއްޔަތު ހޯދުމަށްޓަކައި ތިރިގޭގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކަށަވަރުކުރަން ޖެހޭނެއެވެ. އޭގެ ތެރެއިން މޯދީގެ ބީޖޭޕީއަށް ކަށަވަރުކުރެވުނީ 240 ގޮނޑި ކަށަވަރުކުރެވުނު އިރު، އެންމެ ގާތުން ވާދަކުރި އިންޑިއާގެ ކޮންގްރެސް ޕާޓީން އިސްވެ އޮވެ ހެދި އިއްތިހާދަށް ލިބުނީ 222 ގޮނޑިއެވެ.
ނަމަވެސް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިހާބުގައި ބީޖޭޕީ އަށް 63 ގޮނޑި ގެއްލިފައިވެއެވެ. އަދި ކޮންގްރެސް ޕާޓީއަށް 47 ގޮނޑި އިތުރުވެފައިވެއެވެ.
މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2014 ވަނަ އަހަރުގައެވެ. އެއަށްފަހު 2019 ވަނަ އަހަރުގައި ވެސް އޭނާ ވަނީ ބޮޑު އަޣުލަބިއްޔަތަކުން އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެފައެވެ.