މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝާންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މެލޭޝިއާ އެއާލައިންސްއާ ގުޅިގެން ވާޗުއަލް ޕްރޮޑަކްޓް ސެމިނާއެއް ބާއްވާ، ޖަޕާނުގެ ދަތުރުފަތުރުގެ ބާޒާރުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަކޮށްފިއެވެ.

މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހިލޭ ވެބިނާ ޖަޕާނުގެ ގާތްގަނޑަކަށް 100 ޓްރެވަލް ޕްރޮފެޝަނަލުންނަށް ވަނީ އަމާޒުކޮށްފައެވެ.

އެމްއެމްޕީއާރްސީއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންޑަސްޓްރީގެ ބޭފުޅުންނާއެކު ޑެސްޓިނޭޝަން އަޕްޑޭޓްތައް ހިއްސާކޮށްގެން ޕޮޒިޓިވް މީޑިއާ ކަވަރޭޖް އުފައްދުމާއެކު ޖަޕާނުގެ ފަތުރުވެރިންގެ ހިތްތަކުގައި އެންމެ ދާންބޭނުންވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ކަށަވަރުކުރުން ކަމަށެވެ.

މި ކޯލަބަރޭޓިވް ޕްރޮގްރާމްގައި މެލޭޝިއާ އެއާލައިންސް، ރާއްޖެ، މެލޭޝިއާ އަދި ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީތަކުން ވަނީ ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންގޮސްފައެވެ. ޕްރެޒެންޓޭޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ މެލޭޝިއާ އެއާލައިންސްގެ ޝެޑިއުލާއި ޕްރޮޑަކްޓް އޮފާތަކުގެ އަޕްޑޭޓްތަކާއި، ކުއަލަލަމްޕޫރުން ރާއްޖެއަށް ކޮންމެ ދުވަހަކު ސީދާ ދަތުރު ތައާރަފްކުރުމާއި، ހާއްސަ އެއާފެއާ ޕްރޮމޯޝަންތަކަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖަޕާނު މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެއްކަން އެމްއެމްޕީއާރްސީއިން ފާހަގަ ކުރެއެވެ. އެގޮތުން ކޮވިޑް-19ގެ ފަހުން ޖަޕާނުން ރާއްޖެ އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް ގިނަވަމުން ދާކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

ވިޒިޓް މޯލްޑިވްސްއިން ވަނީ ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިކަން ދިރުވާ އާލާކުރުމުގެ ގިނަ ސްޓްރެޓެޖީތަކެއް ތަންފީޒުކޮށްފައެވެ. މި ސްޓްރެޓެޖީތަކުގެ ތެރޭގައި ޖަޕާނުގެ ބޮޑެތި ސިޓީތަކުގައި ހުންނަ އެންބިއަންޓް އައުޓްޑޯ އިޝްތިހާރުތަކުގެ އިތުރުން ޓާގެޓް އޯޑިއެންސްތަކާ ގުޅުމަށް ޖަޕާނު ބަހުން ވާހަކަ ދައްކާ މުވައްޒަފުންނާއި މަޝްހޫރުބޭފުޅުން ޖަޕާނު ބަހުން ހިންގާ ސޯޝަލް މީޑިއާ ކެމްޕޭންތައް ހިމެނެއެވެ.

ޖަޕާނުގައި ބާއްވާ ލީޑިން ޓްރެވަލް އެކްސްޕޯ ޓީއީޖޭ 2024 ގައި އެމްއެމްޕީއާރުސީއިން ބައިވެރިވެ، ދިވެހިރާއްޖޭގެ ހިއްގައިމުކަން އެ މާކެޓުގެ ފަތުރުވެރިންނަށް ދައްކާލާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.