ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބެލެވޭ -/1،765،704،400ރ އެބަހުރި ކަމަށާއި އެހެންކަމުން މި ފައިސާ މި މަހުގެ 18 ގެ ނިޔަލަށް ދެއްކުމަށެވެ. ވަޒީފާދޭ 10،619 ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރީން އެބަ ތިބި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރާނެކަމަށާއި އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 1500 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެއިތުރުން ހޯމް މިނިސްޓްރީން ބުނީ ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމަށް މިހާރު ގެންގުޅެމުންދާ އުސޫލު މުރާޖާކޮށް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، މިހާރު އަމަލު ކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ހިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ.

އެހެންކަމުން މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން، ދޫކުރެވޭ ކޯޓާ، ވޯރކް ޕާމިޓް، ޑިޕޮޒިޓް ރީފަންޑް، އަދި މި ނޫންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ހިދުމަތް ދެވޭ މުއްދަތަަށް ވުރެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.