19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަކީކަރުތާ ފެނަށް އެޅުމުން ކުރާނެ ކަމެއް ނެތިގެން ކުރި ކަމެއްގެ ގޮތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ސިފަކުރައްވައިފިއެވެ.
ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު އަނބުރާ ފޮނުވާލި ސިޓީ މިއަދު މަޖިލީހުގައި ވަނީ އިއްވާފައެވެ.
އެ ބަހުސްގައި މުސްތޮ ވިދާޅުވީ ރައީސް ފޮނުވާފައިވާ ސިޓީއިން އެނގިގެން ދިޔައީ ދައުރެއް ނިމިގެން ކަރުތާ ފެނަށް އެޅުމުން ހަމަ ކުރާނެ އެއްވެސް ކަމެއް ނެތިގެން ނުވަތަ ރައްޔިތުންނަށް ތިމަންނަމެންނަކީ ވަރަށް އިހުލާސްތެރި ބައެއް ކަމަށް ދެއްކުމަށްޓަކައި ކުރި ކަމެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.
މުސްތޮ ވިދާޅުވީ 5 އަހަރުގެ މުއްދަތެއް ހަމަވާ ދިޔަ މަގުގަތީގައި 29 އޭޕްރީލްގައި އެއްވެސް ވިސްނުމެއް، ފިކުރެއް އަދި ހިލާޔެއް ނެތި ކުރި ކަމެއްގެ ގޮތުގައި އެކަން ފެނިގެންދާ ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތަކީ ކޮމިޓީއަކަށް ފޮނުވުން ނުވަތަ ފާސްކޮށް ގެޒެޓްކުރުން ކަން ފާހަގަކުރައވާ މުސްތޮ ވިދާޅުވީ މިއިން އެއްވެސް ކަމެއް ކުރަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
މުސްތޮ ވިދާޅުވީ އޭނާއަށް ފެނިވަޑައިގަންނަވަނީ އެ ބިލް އެ އޮތް ގޮތަށް ބާތިލުކޮށް، ނިންމާލުން ކަމަށެވެ.
މި ސަރުކާރު އައީ ބޯހިޔާވަހިކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ކަމަށާއި އެކަން ޔަގީންކުރުމަށް ގާނޫނެއް ސަރުކާރުން ފޮނުވާނެ ކަމަށް މުސްތޮ ވިދާޅުވިއެވެ. އަދި ސަރުކާރުން އެ ހުށަހަޅާ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާއިރު ބޭކާރުކޮށް ވަގުތު ނަގާލުމުގެ ބަދަލުގައި މި ހިސާބުން މިކަން ނިންމާލަން ފެނިވަޑައިގަންނަވާ ކަމަށް މުސްތޮ ވިދާޅުވިއެވެ.
ތިބުނުއްވީ ހަމަތެދެއް. ކަނޑަށް ޤަރަޤުވާން ފެށީމާ ފިރުޢައުނު ޝަހާދަތް ކިޔޭތޯ އުޅުނު ގޮތަށް ގޯތިބެހީ.