އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ދިވެހި ސަރުކާރުން މަނާ ކުރުމާއެކު, ރީތި ގޮނޑުދޮށްތައް އިންޑިއާގައިވެސް ހުރި ކަމަށާއި އެތަންތަނަށް ޒިޔާރަތް ކުރަން އިންޑިއާގައި ހުންނަ އިޒްރޭލު އެމްބަސީން އެގައުމުގެ މީހުންނަށް ގޮވާލައިފިއެވެ.

އިނގިރޭސިއާއި ހިންދީ ބަހުން ޓްވީޓު ކޮށް ބުނެފައި ވަނީ, ލަކްޝަދީޕާއި އަންޑަމަން އަދި ނިކޮބާރު އައިލޭންޑްސްގެ އިތުރުން ގޯއާ އާއި ކެރެލާގެ ގޮނޑުދޮށްތައް އިޒްރޭލުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. އިޒްރޭލުގެ ފަތުރުވެރިން އެދޭ ކަހަލަ މެހެމާންދާރީއެއް އަދާ ކުރާނެ ކަމަށާއި އެހެން ކަމުން އެތަންތަނަށް ދިޔުމަށެވެ.

ރާއްޖެ އަންނަ އިޒްރޭލުގެ ފަތުރުވެރިންނާއި އިޒްރޭލުގެ ރައްޔިތުންގެ އަދަދަށް ބަލާއިރު 2023 ގައި އައިސްފައިވަނީ 10,966 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިންނާއި ފަތުރުވެރިންގެ ގޮތުގައި ނުހިމެނި އައި މީހުންގެ އަދަދަކީ 15,748 އެވެ.

މުސްލިމް އުއްމަތުގެ އެއްބައި ކަމަށް ވާ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން އަރާ އެތައްހާސް މުސްލިމުނެއް ޝަހީދު ކޮށް މުޅި ގާޒާ ފުނޑުފުނޑު ކުރަމުން ދިޔުމާ އެކު ރާއްޖެއިން ވަނީ އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ނިންމާ އިއުލާން ކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެރިވަޑައިގަތުމާއި ހިތްވަރުފުޅަށް އެތައް ބަޔަކު ތައުރީފުކޮށް ވާހަކަ ދައްކާފައި ވާ އިރު ރާއްޖެއިން އިޒްރޭލަށް 'ނޯ' ބުނި ވާހަކަ ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް ވެސް އެރިއެވެ.

އިޒްރޭލަކީ ރާއްޖެއާ ސިޔާސީ ގުޅުމެއް އޮތް ދައުލަތަކަށް ނުވާ އިރު 1974 އިން ފެށިގެން އެއީ އެހެން އޮތް ބައެކެވެ.

ރާއްޖެއިން އެޅި ފިޔަވަޅާއެކު ރާއްޖޭގައި ތިބި އިޒްރޭލު މީހުން ފެއިބުމަށާއި އަދި ރާއްޖެއަށް ނައުމަށް އިޒްރޭލު ސަރުކާރުން އަންގާފައި ވާއިރު އެހެން ގައުމެއްގެ ޕާސްޕޯޓުގައިވެސް ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ.

ރާއްޖެ އަކީ ފަލަސްތީނާއެކު އޮތް ގައުމެއްކަން އެނގި ހުރެ ރާއްޖެ އައިސް އިޝްތިހާރު ކުރި މައްސަލައެއްގައި އިޒްރޭލުގެ މީހަކު ތުލުސްދޫން ބޭލި ހާދިސާއެއް ވެސް މިފަހުން ހިނގާފައި ވެއެވެ.