ބައިބޯވެފައިވާ މާލެ ސިޓީގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމުގެ ދަތިކަމުގެ މައްސަލައަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެެވެ. އެގޮތުން މާލޭގެ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނޑުތަކުގެ ސަބަބުން ދުވާރުމަތިން ހިނގާފައިދާ މީހަކު އެ ދުވާރަކުން ފައިބަން ޖެހިއްޖެ ނަމަ ވެހިކަލްތަކާ ހެދި ދުވާރުން ނުފޭބި ގަނަތެޅެން ޖެހެއެވެ.
މާލެ ސިޓީގައި ހިނގާބިނގާވެ އުޅޭ މީހުން ތަހައްމަލު ކުރާ އެތައް އުނދަގޫތަކެއް ހުރި އިރު އެ ވާހަކަތައް މިއަދު އާންމުންގެ ލޯތަކާ ހަމައަށް ގެނެސްދީފައި މި ވަނީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީއެއް ކަމަށް ވާ އެލިއޯނާ ޝުގާއެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އެލިއޯނާ ސުގާގެ ޓިކްޓޮކް އެކައުންޓުން ޕޯސްޓް ކުރި 27 ސިކުންތުގެ ކުރު ވީޑިއޯގައި ވަނީ މާލޭގައި ހިނގާފައި އުޅޭ މީހަކު އުޅެން ޖެހޭ ހާލު ދައްކުވައި ދީފައެވެ. އެގޮތުން ހިނގަން މަގުމަތީގައި ހަދާފައިވާ ދުވާރު މަތިން އޭނާ ހިނގާ އެތައް މަންޒަރުތަކެއް އެ ވީޑިއޯގައި ހިމަނާފައި ވެއެވެ.
ދުވާރުން ފައިބާ އިރު ކައިރީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގެ ދޭތެރެއިން އޭނާ ނިކުންނަށް މަސައްކަތް ކުރާ ގޮތް އެ ވީޑިއޯއިން ފެނެއެވެ. އަދި ޕާކްކޮށްފައި ހުންނަ ބައެއް ހަތަރުފުރޮޅުލީ އުޅަނދުތައް ވެސް ދުވާރު މައްޗަށް ވާ ގޮތަށް ޕާކްކޮށްފައި ހުންނަ ތަންތަނާއި ދުވާރު މަތީގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި ބެރިކޭޑްގެ ސަބަބުން ދުވާރު މަތިން ހިނގަން ދަތިވެ އުޅޭ މަންޒަރު ވެސް އެ ވީިޑިއޯއިން ފެނެއެވެ.
މިހާތަނަށް އެ ވީޑިއޯ 43،000 އަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު، ދެހާހާ ގާތްކުރާ އަދަދަކަށް މީހުން ވަނީ އެ ވީޑިއޯއަށް ލައިކް ދީފައެވެ. އަދި 250 އަށް ވުރެ ގިނަ މީހުން ވަނީ ކޮމެންޓް ކޮށްފައެވެ. ކޮމެންޓްތަކަށް ބަލާއިރު، އެ ވީޑިއޯއިން ފެންނަ މަންޒަރަކީ ތެދު ވާހަކައެއް ކަމަށާއި މިއަށް ވުރެ ހަގީގަތާ އެއްގޮތަށް ވީޑިއޯއެއް ނުހެދޭނެ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ. އަދި މާލޭގައި ހިނގާބިނގާވެ އުޅުމަށް އެންމެ ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހޭ ސަބަބަކީ ދުއްވާ އުޅަނދުތައް އިތުރު ވުން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
އެލިއޯނާ ޝުގާގެ ޓިކްޓޮކްގައި ޕޯސްޓްކޮށްފައި ހުރި އިތުރު ވީޑިއޯތަކަށް ބަލާއިރު މާލެ ސިޓީގެ ހާޅަތު ދައްކުވައިދޭ އެތައް ވިޑިއޯއެއް އެބަ ހުއްޓެވެ. ހަމައެއާއެކު އޭނާ ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރު ތަކުގައި އެ ރަށްރށުގެ ހިތްގައމު މަންޒަރުތަކާއި ހިތްފަސޭހަ ކަމުގެ އެތައް ވާހަކަތަކެއް ގެނެސްދީފައި ހުރެއެވެ.