ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް އެ ބިންތަކުގައި ގަތުލުއާންމު ހިންގަމުންދާ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައި މިކަން އިއުލާނުކުރައްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނަށް އިސްލާހުތައް ގެނައުމަށް ނިންމައި ވަޒީރުންގެ މަޖިލީހުން ކޮމިޓީއެއް މިއަދު އެކުލަވާލާފައިވާ ކަމަށެވެ. އިހްސާންގެ އިތުރުން އެ ކޮމިޓީގައި ދެން ތިއްބަވަނީ:
- ބަންޑާރަނައިބު އަހްމަދު އުޝާމް
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް
މީގެ އިތުރުން، އިޒްރޭލުން ހިންގާ ގަތުލުއާންމުގެ މައްސަލައިގައި ފަލަސްތީނުން އެދޭ ކަންކަން ދެނެގަތުމަށްޓަކައި ހާއްސަ މަންދޫބެއް ކަނޑައަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަމަށާއި، ރާއްޖޭން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ، ސަރުކާރުން މިއަދު ނިންމި ނިންމުމަކީ ދިވެހި ގިނަ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި، ރައީސާ ވަކިން ބައްދަލުކޮށް ވެސް އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ބައެއް އާންމުން ހުށަހަޅާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ނިންމުމަކީ އިންސާނިއްޔަތަށްޓަކައި އަދި މުސްލިމުންނަށްޓަކައި ނިންމާ ނިންމުމެއް ކަމަށެވެ.
ސަރުކާރުން މިއަދު މި ނިންމުން ނިންމާފައިވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލައި، މިއަދު ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައި ވަނިކޮށެވެ.
އޭގެ އިތުރުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އެ އިސްލާހު ފާސްކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭނާ ވަނީ އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް އާ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ.
މީކާއީލް ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިމިގްރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ އަކުރެއްގައި އިޒްރޭލު ހިމަނާ ނަންބަރެއް އިތުރުކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުންނެވެ.
އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 40 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 80 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.