އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން މިއަހަރު ހާއްސަ އާންމު ޖަލްސާ ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި ޖަލްސާ އޮންނާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. މި ޖަލްސާގައި ބައިވެރިވުމަށް ކުންފުނީގެ އާންމު ހިއްސާދާރުންނަށް ދައުވަތު ދެމުން އެމްޓީސީސީ އިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މެއި 23، 2024ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ މިޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ. އެ ގޮތުން 2023 ވަނަ އަހަރު ބޭއްވި 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، އެއަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށްފަހު ހިއްސާދާރުންގެ ވޯޓުން އެއައިޓަމް ފާސްނުވާކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާބެހޭ ގޮތުން މަޝްވަރާކޮށް ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމުގެ މަތިން 2024 ވަނައަހަރު ބާއްވާ ހާއްސަ އާންމު ޖަލްސާއަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށް އަލުން ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ވަނީ އެ ކުންފުނީގެ ހާއްސަ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާތުން ޖޫން 09، 2024 ވަނަ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެދިފައެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް، އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯރޓަލް އަދި އެމްޓީސީސީ އީމެއިލް މެދުވެރިކޮށް ނުވަތަ އެމްޓީސީސީގެ ހެޑްއޮފީހުގެ ކައުންޓަރަށް ކުންފުނީގެ ރަސްމީ މަސައްކަތު ވަގުތުގައި ހުށަހަޅައިގެން ރަޖިސްޓްރީވެވޭނެ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ ޖަލްސާއަށް ރަޖިސްޓަރީ ކުރައްވާނެ ގޮތުގެ ވީޑިއޯ އަދި ޖަލްސާ އާއި ގުޅޭ ފޯމުތައް އެކުންފުނީގެ ވެބްސައިޓުގައި އަދި މީސްމީޑިއާ މަންސަތަކުގައި ޝާއިއުކޮށްފައިވާނެކަމަށެވެ.