މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް 10 ހަރަކާތެއް ހިންގުމަށް ހަމަ ޖެހިފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހު އެވެ. މިކަމާ ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކުރުމަށް ރާވާފައިވާ ކަމަށާއި އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ހަރަކާތްތައް:

  • ކުރެހުމުގެ މުބާރާތް
  • މަޒުމޫނު ލިޔުމުގެ މުބާރާތް
  • ކުއިޒް މުބާރާތް
  • މައުލޫމާތު ދިނުމުގެ ސެޝަން
  • މަސް ރޭސް
  • ސާފުކުރުމުގެ ހަރަކާތަކާއި، "އެންމެން މޫދަށް" ނަމުގައި މޫދު ހަރަކާތް
  • ޑިސްކަވާ ޑައިވް ހަރަކާތް

މީގެއިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި ހަރަކާތްތައް ނިންމާލުމަށް ފަހު އެ ކަން ފާހަގަކުރުމަށްޓަކައި 'އޯޝަން ޑޭ ފެސްޓިވަލް' އެއް ބޭއްވުމަށްވެސް ހަަމަޖެހިފައިވާ ކަމަށެވެ.

ސުކޫލު ކުދިންނަށް ހާއްސަކޮށްގެންވެސް ތަފާތު ހަރަކާތްތައް ރާވާފައިވާކަމަށާއި ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ކަނޑުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.