ސިހުރަކީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ އަމަލެއް ކަމުން މި ނުބައި އަމަލުން ދުރުހެލިވެ ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ މި ކުޑަ މުޖްތަމައުގައިވެސް އާންމުވަމުން އަންނަ ސިހުރުގެ ނުބައިކަމުގެ މައްޗަށެވެ.

އެގޮތުން ސިހުރު ހެދުމަކީ ދީނުން ބޭރުވާ ފަދަ ބޮޑު ކުށެއް ކަމަށާއި އޭގެ ސަބަބުން މުޅި މުޖުތަމައު ފަސާދަވެއްޖެ ކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެފަދަ އަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށެވެ.

"މި ސުންޕާ އަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ހަޔާތް ހެއްޔެވެ؟ ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައް ހެއްޔެވެ؟ ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަޚުންނާއި އުހުތުން ހެއްޔެވެ؟ އަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި އުމުރަށް ވަކިވެ ދަނީ ކިތައް އާއިލާ ހެއްޔެވެ؟ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުން ހެއްޔެވެ؟ މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިހުރުގެ ސަބަބުން"
ހުކުރު ހުތުބާ

ސިހުރުގެ ބާވަތްތަކަށް ބަލާއިރު ދެ ބާވަތެއް ހިމެނޭ ކަމަށާއި އެގޮތުން ސިހުރުވެރިންގެ ކުޅަދާނަކަމުން މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާއޮޅުވާލުމާއި، މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތުގެ ސިހުރު ހުންނަ ކަމަށް ވެއެވެ.

މި ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ކީރިތި ރަސޫލާއަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިހުރު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ސިހުރަކީ، ހަގީގަތެއްކަމަށާއި މިފަދަ ނުބައި ކަންކަމުން އެއްކިބާ ވުމަށް ފަރްޟު ފަސް ނަމާދަށް ރައްކާތެރިވެ، ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް ދުއާކޮށް ޒިކުރުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ހަމައެހެންމެ މި ކުފުރުގެ އަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫއަވުމަށްވެސް ހުތުބާގައި ގޮވާލާފައި ވެއެވެ.