ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މާރާމާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައި ވަނީ ފާއިތުވި ހަ މަސް ދުވަހު އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާދޭ 'ތިލަމާލެ' ބްރިޖްގެ މައުލޫމާތު ހިއްސާ ކުރަމުން މުއްތަލިބް ވިދާޅުވީ، މިހާރު ކަނެކްޓިވިޓީ ބްރިޖުގެ 38.8 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތައް ޖެހުމުގެ 65 ޕަސެންޓު މަސައްކަތް ނިމުމުގެ އިތުރުން ޕައިލް ކެޕްގެ 48 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ހަމައެހެންމެ މަޝްރޫގެ ޑެކްގެ 31 ޕަސެންޓު ނިމިފައިވާ ކަމަށާއި އަދި ވިލިމާލޭގެ ސެގްމެންޓުތައް ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތުން 20 ސެގްމެންޓެއްގެ މަސައްކަތް ހުޅުވާލާފައިވާ ކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތީ މާލެއިން ގުޅި ފަޅަށް ގުޅުވާލާ ސެގްމެންޓު 'އޭ' ގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކޮންޓްރެކްޓަރަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ދިމާވާކަން ފާހަގަ ކުރައްވި ނަމަވެސް މުއްތަލިބް ވިދާޅުވީ އެކަމުގެ ސަބަބުން ޕްރޮޖެކްޓު ނިންމުމަށް މާބޮޑެތި ލަސްތަކެއް ނާންނާނެ ކަމަށެވެ.

ކުރީގެ ރައީސް ސޯލިހު ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަ މާލެ ބްރިޖްގެ މަސައްކަތް ނިންމާ އާންމުންނަށް ބޭނުން ކުރެވޭނެ ކަމަށް ބުނެ މީގެ ކުރިން ވަނީ އެކި ތާރީހުތައް ދިން ނަމަވެސް ބްރިޖު ނިންމާފައި ނުވެއެވެ. ބްރިޖް ނިންމުމަށް އަންނަ މި އަހަރުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މި މަޝްރޫއު ކުރިއަށްގެންދަނީ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަަށް 8.2 ބިލިއަން ރުފިޔާ ހަރަދު ވެއެވެ. މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.