ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސްއިން ރާއްޖެ އެތެރެ ކުރަން އުޅުނު 51 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމްސް އިން އެކުލަވާލާފައިވާ ތަފާސް ހިސާބުތައް މިއަދު އާންމުކޮށްފައިވާއިރު އެ މުއްދަތުގައި 13،536 ގްރާމްގެ ސިންތެޓިކް ކެތިނޯން ވަނީ ހިފަހައްޓާފައެވެ.

އަދި 18،855 ގްރާމްގެ ކޮކޭން ހިފަހައްޓާފައިވާއިރު 101.80 ގްރާމްގެ ކެނަބިސް ވަނީ އެ މުއްދަތުގައި ހިފަހައްޓާފައެވެ. އަދި 910 ގްރާމްގެ ހޭޝް އޮއިލާއި 4،714 ގްރާމްގެ މެތްއެމްފަޓަމިންގެ އިތުރުން 451 ގްރާމްގެ އެމްފެޓަމިން ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުންވެސް 25 ގްރާމްގެ ސިންތެޓިކް ކެނަބިނޮއިޑްސްއާއި 7،400 ގްރާމްގެ ކޮކޭން ވަނީ ހިފަހައްޓާފައެވެ.

އަދި ހަމައެހެންމެ 3،870 ގްރާމްގެ މެފެޑްރޯންގެ އިތުރުން 1،152 ގްރާމްގެ އެމްޑީއެމްއޭ ވެސް ވަނީ ކަސްޓަމްސްއިން އަތުލައިގަނެފައެވެ. އަދި މި ހުރިހާ ތަކެތީގެ ޖުމްލަ ބަރުދަނުގައި 51 ކިލޯ ހުރިއިރު މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 100 މިލިއަނަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ އަންދާޒާކޮށްފައެވެ.

ދާދިފަހުން މި މަހުގެ 26 ވަނަ ދުވަހުވެސް ވަނީ ވެލާނާ އެއާޕޯޓުން 5 ކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސެއް ހައްޔަރުކޮށްފައެވެ. މަސްތުވާތަކެތީގެ މި މައްސަލާގައި މާލޭ އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީގެ ޒުވާނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މި ސަރުކާރުން ދަނީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފުލުހުންވެސް ވަނީ ސަރުކާރުގެ އަމާޒަށް ވާސިލް ވުމަށް ފުލުހުންގެ އެއްބާރުލުމާ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.