ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށްގެން ކޮމިޓީއެއް އުފައްދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ގެދޮރުވެރިކަމާ ބެހޭ ކޮމިޓީއެއް އުފެއްދުމަށް ބޭނުންވި ނަމަވެސް 20 ވަނަ މަޖިލިސް ފެށި ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތައް މިހާރު ވެސް ހުރުމުން ކަމަށެވެ. އެހެން ނަމަވެސް އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އަންނަ ޖޫން މަސް ނިމޭއިރު އުފެއްދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ކޮމިޓީއާއެކު ގެދޮރުވެރިކަމާ ގުޅިގެން މީގެ ކުރިން ދިމާވެފައިހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައްސަލަތަކެއް އެ ކޮމިޓީއަށް ދިއުމުން، އެ ކޮމިޓީގެ އެކަންކަން ދިރާސާކޮށް ކުރިއަށް ގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެކުރިންވެސް ގޯތި ދިނުމާ، ގޯތި ހަވާލުނުކުރުމާ، ފްލެޓް ދިނުމުގައި މައްސަލަތައް ދިމާވެފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވި ކޮމިޓީއާއި މިކަހަލަ ހައްސާސް މައްސަލައެއް ހަވާލުކުރުމަކީ މިކަމަށް ދާއިމީ ހައްލެއް ލިބުމަށް އެޅޭނެ ވަރަށް ބޮޑު ބާރަކަށްވެގެން ދާނެކަމަށެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެ ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާ އެއް ސިޔާސަތަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ.