ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

ހުޅަނގު މޫސުން ފެށި މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު ފާއިތުވި ތިން ދުވަސް ވަނީ ދަތުރުކުރެވޭ ވަރަށް މޫސުން ރަނގަޅުވެފައެވެ. ނަމަވެސް އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުންވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހާ ނުރައްކާ ތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އަދި މިއަދުވެސް މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ ރާއްޖޭގެ ބޮޑޫ ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން ހދ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް މިއަދު ހަވީރުގެ ނިޔަލަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.