އިޒްރޭލުން ގާޒާ ހަނގުރާމަ ފެށިތާ 6 މަސް ވެގެން ދިޔަ އިރު ހަމާސްގެ ބާރު ކަނޑުވާލެވިއްޖެ ކަމަށް ބުނި ސަރަހައްދަކުން އިޒްރޭލުގެ ސިފައިންގެ މީހުންތަކެއް ރަހީނު ކޮށް, އަދި ރަފާ އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީ އިޒްރޭލު ސިއްސުވާލައިފިއެވެ.
މި ދެހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕްތައް އާންމު ވެފައި ވާ އިރު, އައްމާނުން ވާހަކަ ދެއްކި އަލްޖަޒީރާގެ ނޫސްވެރިން ބުނީ, ހަމާސް އިން އިޒްރޭލުގެ ސިފައިން ރަހީނު ކުރީ, ގާޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕުގައި ހިނގަމުން ދާ ކުރިމަލުންތަކުގެ ތެރޭގައި ކަމަށެވެ. އިތުރަށް ތަފްސީލު ދެމުން ނޫސްވެރިޔާ ބުނީ, ހަމާސްގެ މުޖާހިދުން ތިބި ކަމަށް ހީކޮށް އިޒްރޭލުން ޓަނަލެއްގެ ތެރެއަށް ވަންތަނުން ޓަނަލުގެ އަނގަމަތި ބަންދުކޮށް އެތެރޭގައި އެއްޗެއް ގޮއްވާލީ ކަމަށާއި އެކަމުގެ ސަބަބުން ބައެއް މީހުން ޒަހަމްވި ކަމަށެވެ.
އާންމު ވި ވީޑިއޯ ކްލިޕެއްގައި ޒަހަމްވެފައި އޮތް އިޒްރޭލުގެ ސިފައިންގެ މީހަކު ދަމާފައި ގެންދާތަން ފެނެއެވެ. މި ހާދިސާ އާ ގުޅިގެން އިޒްރޭލުން އަދި ރަސްމީ ވާހަކައެއް ދައްކާފައި ނުވިނަމަވެސް އިޒްރޭލުގެ ބައެއް މަސްދަރުތަކުން ދަނީ އެކަން ދޮގު ކުރަމުންނެވެ.
ހަނގުރާމަ ފެށިފަހުން ގާޒާގެ އުތުރުގައި ހަމާސްގެ ބާރު ކަނޑުވާލެވިފައި ވާ ކަމަށް އިޒްރޭލުން ބުނެފައި ވަނިކޮށޤ ދިން މިހަމަލާ އާ ގުޅިގެން ހަމާސްގެ ބާރު ކެނޑިއްޖެ ކަމާމެދު މިހާރު ސުވާލު އުފެދޭ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިއަދު ހިނގި ދެވަނަ ހާދިސާގައި ހަމާސް އިން ވަނީ ގާޒާގެ ދެކުނު ރަފާ އިން އިޒްރޭލުން ވެރިކަން ކުރާ ތެލްއަވީވަށް އަމާޒުކޮށް ރޮކްޓެ ހަމަލާތަކެއް ވެސް ދީފައެވެ. މިއީ ހަނގުރާމަ އަށް 4 މަސް ވެ ދިޔަ ފަހުން ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާ ދިން ފުރަތަމަ ފަހަރެވެ.
ހަމާސް އިން ޖުމްލަ 8 ރޮކެޓެއް ފޮނުވާލި އިރު ބައެއް ރޮކެޓް ތެލްއަވީވުގެ މެދުތެރެއަށް އަމާޒުވި ކަމަށް ހަބަރުތަކުން ބުނެއެވެ. ނަމަވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިހާދިސާގެ މަންޒަރުތައް އިޒްރޭލުގެ ޓީވީން ދެއްކި އިރު ރޮކެޓެއްގެ ބައެއް ގެއެއްގައި ހަދާފައިވާ ކުޑަ ގާޑަން އަކަށް ވެއްޓިފައި އޮތްތަނާއި ގެއެއްގެ ސިޓީންރޫމަށް ގެއްލުން ވެފައި ވާތަން ފެނެއެވެ. އަދި އެހެން މަންޒަރެއް ދެއްކި އިރު ރޮކެޓުގެ ބައެއް މަގުމައްޗަށް ވެއްޓި ބޮޑު ވަޅުގަނޑެއް ހެދިފައި ވާތަންވެސް ފެނެއެވެ.
މި ހަމަލާގެ ޒިންމާ ހަމާސްގެ އަލް ގަސަމް ބުރިގޭޑުން އުފުލާފައި ވާ އިރު އިޒްރޭލުގެ ވަޒީރަކު ބުނެފައި ވަނީ މިހާރު ރަފާގައި ފަށާފައި ވާ އުދުވާން އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.
ރަފާ އަކީ ގާޒާގެ އުތުރުން ފައްސާލި އާންމުން ދިރިއުޅެމުން ދިޔަ ސަރަހައްދެވެ. އެތާނގެ އެކިއެކި ރެފިއުޖީ ކޭމްޕްތަކުގައި 1.4 މިލިއަން މީހުން ދިރިއުޅެމުން ދިޔަ އިރު އިޒްރޭލުން ރަފާ އަށް ހަމަލާދޭން ފެށުމާއެކު ގާތްގަނޑަކަށް 900,000 އެއްހާ މީހުން ރަފާ އިން ނިކުމެ އަލް މަވާސީ އޭ ކިޔާ ސަރަހައްދަށް ވަނީ ގޮސްފައެވެ. އެ ސަރަހައްދަކީ ރަފާ އާއި ގާޒާގެ އުތުރާ ދެމެދުން މެޑިޓެރޭނިއަން ކަނޑާ ދިމާވާގޮތަށް އޮންނަ ސަރަހައްދެކެވެ.
އިޒްރޭލުގެ އުދުވާން ފެށިފަހުން މިހާތަނަށް 35800 މީހުން ޝަހީދު ކޮށްލައި 80000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދީ 1200 މީހަކު މަރާލައި 252 މީހަކު ރަހީނު ކުރިއެވެ. އަދި ފަހުން ބައެއް މީހުން މިނިވަން ކުރަމުން ގޮސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު 130 އަށް ތިރިވިއެވެ. ނަމަވެސް މިފާއިތުވި މުއްދަތުގެ ތެރޭގައި އޭގެ ތެރެއިން ބައެއް މީހުން މަރުވެފައި ވުމުން މިހާރު ދިރިތިބި މީހުންގެ އަދަދު އެހާ ސާފެއް ނޫނެވެ.