ދިރާސީ އާ އަހަރު މިއަދު ފެށިގެން ދިޔައިރު އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ރަނގަޅަށް ތައްޔާރުވެފައި ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީ އިން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ނެރުނު ބަޔާނުގައިވަނީ އައު ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތްކަމަށެވެ. އެހެންކަމުން ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހަމަތުކޮށް އެ ޕާޓީން ވަނީ މިކަން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީ އިން ބުނީ ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުން އަންނަކަމަށެެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުކުރަމުން އަންނަކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ މިކަމާ ނުރުހިގެން ސޯޝަލް މީޑިއާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް ލިބެމުން އަންނަކަމަށެވެ.

އިތުރަށް އެމްޑީޕީއިން ބުނީ ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށް ނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަމަށެވެ. އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އެޕާޓީން ކަންބޮޑުވާކަމެއް ކަމުގައި މި ބަޔާނުގައިވަނީ ބުނެފައެވެ. "އަޅުގަނޑުމެން އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުން" އެ ބަޔާނުގައިވެއެވެ.

އެހެންކަމުން، މިފެށޭ އާ ދިރާސީ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އެމްޑީޕީ އިން ވަނީ އިލްތިމާސްކޮށްފައެވެ.