މިހާރު ސީޕްލޭން ޓާމިނަލް ހިއްކައިގެން، އެ ސަރަހައްދުގައި ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށް ނިންމާވާފައި ވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިހާރު ބޭނުންކުރަމުން ދާ ސީޕްލޭން ޓާމިނަލް އާއި ސީޕްލޭން އޮޕަރޭޝަން، ޝެރެޓަން ފުލް މޫން ރިސޯޓަށް ބަދަލު ކުރުމިގެ މަޝްވަރާ ފެށިފައި ވާކަމަށެވެ. އަދި މިއީ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، މުޅި އޮޕަރޭޝަން ހަލުއި ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރުގެ ސީޕްލޭން ޓާމިނަލް ހިއްކުމަށްފަހު އަޅާނީ ޖެޓު ޓާމިނަލެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރު ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަކީ ނިމޭނެ ކަންކަން ނޫން ކަމަށާއި ރާއްޖެ އިތުރަށް ތަރައްގީވަމުން އަންނަ ވަރަކަށް އެއާޕޯޓުގެ ހިދުމަތްތައްވެސް ފުޅާވަމުން ދާނެކަމަށެވެ.

ވީއައިއޭ ތަރައްގީކުރަން ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަ ޕްލޭން ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފޭސް އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިއަހަރު ފެށިގެން ދާނެކަމަށެވެ.