ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 1500 ޓަނުގެ ބޯފެން ފޯރުކޮށް ދޭނީ ސާފު ބޯފެން ލިބުމުގައި ދަތިވާ ރަށްތަކަށް އިސްކަން ދީގެންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރަކީ ދިވެހިންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާ ސަރުކާރެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބޯފެން ރައްކާތެރިކަމާއެކު ބެހެއްޓޭނެ ތަންތަން ރާއްޖޭގައި ވަރަށް މަދުކަމަށެވެ. ރާއްޖެ ބޮޑަށް ބަރޯއްސާވެފައި އޮންނަން ޖެހެނީ ލޮނު ފެން މީރު ފެނަށް ބަދަލުކުރުމަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާއިން ލިބުނު ފެން ފޮރުކޮށްދެވޭނީ ސާފު ބޯފެން ލިބުމުގައި ދަތިތައް ދިމާވެފައިވާ ރަށްތަކަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިން ވިދާޅުވީ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ފެނުގެ ޖުމްލަ އަގަކީ 10 މިލިޔަން ޔުއާން ނުވަތަ 21.3 މިލިޔަން ދިވެހި ރުފިޔާ ކަމަށެވެ. އަދި މި ފެނަކީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1500 ޓަނުގެ ޝިޕްމަންޓެއްކަމަށް ސަފީރުވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގައި ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 1500 ޓަނުގެ ބޯފެން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާއިރު މިފެނުގެ ޝިޕްމަންޓެއް ރާއްޖެއަށް ލިބިފައިވަނީ މި އަހަރު މާޗް 26 ވަނަ ދުވަހުގައެވެ.