ރ. އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހިގެން، ސަލާމަތް ކުރަން އުޅުނު ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެ ރަށު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ކަރަންޓުގައި ޖެހުނު ދެ ކުއްޖަކާއި ޒުވާނަކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު 1:40 ހާއިރު އެވެ. އެއީ 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. 18 އަހަރުގެ ޒުވާނާއަކީ 8 އަހަރުގެ ކުއްޖާ ސަލާމަތްކުރަން މަސައްކަތް ކުރި ޒުވާނާއެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން އާސިފް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އުމުރުން 12 އަހަރުގެ ކުއްޖާ އާއި 8 އަހަރުގެ ކުއްޖާ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް 18 އަހަރުގެ ޒުވާނާ އަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އާސިފް ވިދާޅުވިއެވެ.
އެ ޒުވާނާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ބައެއް ފަރާތްތަކުން ހަބަރު ފެތުރި ނަމަވެސް އާސިފް ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެފަދަ ކަމެއް ނުހިނގާ ކަމަށް އާސިފް ވިދާޅުވިއެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ވިއްސާރަވެގެން ބައްތިއަށް ކަރަންޓް އައިސްފައި ހުރުމުން ކަމަށެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުން އެ މަގު ބައްތި އަކީ ބޭނުންކޮށްފައި ބޭނުން ނުކުރަން ވެގެން ދޫކޮށްލާފައި ހުރި ބައްތިއެއް ކަމަށާއި ފަހުން ހެދި މަގުތައް ހެދިއިރު އާ ކުރަން ވެގެން ދޫކޮށްލާފައި ހުރި ބައްތިއެއް ކަމަށެވެ. އަދި ބަންތިން ކަރަންޓް ފެންކޯރަށް އަރާފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ