ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތުގެ މަތިން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިނދުމުގެ އަމަލީ މަސައްކަތް އަންނަ ޖޫން މަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ކުރެވިފައިވާ މަސައްކަތްތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ތޯރިގް ވިދާޅުވީ، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވަނީ ޖޫން 5 ވީ ދުނިޔޭގެ ތިމާވެށީގެ ދުވަހު ކަމުގައި ކަމަށެވެ. އަދި މި މަސައްކަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ކުރިއަށް ގެންދާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.
މީގެ އިތުރުންވެސް އެންވާރަމަންޓް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ހަފްތާ 14 ގެ މަގުޗާޓުގެ ދަށުން ހާސިލުކުރެވިފައިވާ ކަންކަމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަލިއަޅުވާލާފައެވެ.
އެގޮތުން ވޭތުވެދިޔަ 6 މަސްދުހަވު ކުރެވުނު ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކަކީ:
- ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހަރަދު ކުޑަކުރުމަށް ހަފުތާ 14 ގެ ދަށުން "މަގޭ ސޯލާ ޕްރޮގްރާމް"، 29 ނޮވެމްބަރ 2024 ގައި ފެށުން.
- މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމު (ޖުމްލަ 3 މެގަ ވޮޓު ގެ ސޯލާ ޕީވީ ސިސްޓަމް) ހޯދުމަށް ކޮންޓުރެކްޓަރަކު ހޯދައި އެފަރާތާއެކު 09 މެއި 2024 ގައި ކޮންޓްރެކްޓްގައި ސޮއި ކުރުން.
- ރ އަދި ބ އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށުގައި ޖުމްލަ 6.35 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމަށް ހަދަންޖެހޭ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެ ގެނައުން.
- ތ އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ގާއިމުކޮށްފައިވާ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމަތަކުގައި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކޮށް ކަމިޝަންކުރަން ފެށުން.
- މާޗް އަދި އެޕްރީލް މަހުގެ ކަރަންޓާއި ފެން ބިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ޑިސްކައުންޓް ފޯރުކޮށްދީފައިވޭ.
- ރަށްތަކުން ފެނަށް ޖެހޭ ހާލަތްތަކުގައި އެރަށްތަކަށް ފެންފޯރުކޮށްދިނުމަށްޓަކައި ފެނަކަ އާއި އެކުވަނީ އެއްބަސްވުމެއްގައި ސޮއިކުރުން. މިގޮތުން މިހާތަނަށް ފެން ފޯރުކޮށްދިނުމަށް އެދިފައިވާ 20 ރަށަށް ފެން ފޯރުކޮށްދީފައިވޭ.
- އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއްހޯދުމަށް ފެނުގެ ނެޓްވާރކް އަޕްގްރޭޑްކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީއާއެކު 13 އެޕްރީލް 2024 ގައި ފަހުމުނާމާގައި ސޮއި ކުރުން.
- ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކުރުން.
މީގެ އިތުރުންވެސް މިނިސްޓްރީއަށް ހާސިލް ކުރެވިފައިވާ ގިނަ ކަންކަން މިނިސްޓަރު ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ހަމައެހެންމެ ދާދިފަހުން ވަނީ ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން 2 އަހަރު ދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް އެންވާރަމަންޓް މިނިސްޓްރީން ޗައިނާ ޓިޔަންޔިން އިންކް (ސީއެންޓީވައި) އާއެކު ފަހުމުނާމާއެއްގައި ވެސް ސޮއި ކޮށްފައެވެ.
މި ފަހުމުނާމާގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތް ކުރުމުގެ އިތުރުން ލޯ ކާބަން އާބަން ޑިވެލޮޕްމަންޓްގެ ދާއިރާތަކަށް ފަހުމުނާމާގެ ބައިވެރިން އެކީ މަސައްކަތްކުރުމަށް ވަނީ ނިންމާފައިވެއެވެ. މީގެ އިތުރުން މި ފަހުމުނާމާގައި ސީއެންޓީވައި އިން، އެ ކުންފުނީގެ ސިނާއީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ނިންމާފައި ވެއެވެ. އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނާޖީ މަޝްރޫއުގެ ފޭސް 1 އަދި 2 އަށް އެ ކުންފުނީގެ ފަރާތުން ސްޓޭކް ހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރެވިގެން ދާނެއެވެ.