ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ޕީޖީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު ކަމަށް ކަނޑައަޅައިފިއެވެ.
ޕީއެންސީގެ އިންތިހާބީ މެންބަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ޕާޓީގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަޖިލިސްގެ ބައެއް މަގާމުތަކަށް ކަނޑައެޅުމަށް ބޭނުންފުޅުވާ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅަހެޅުއްވި ކަމަށެވެ.
ޕީޖީ ލީޑަރަށް ފަލާހު އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަށް ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއު ހަމަޖައްސަވަން ވަނީ ކަނޑައަޅުއްވާފައެވެ.
ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ކަނޑައެޅުއްވި ތިން ބޭފުޅުންނަކީ ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއިލް، މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ތޯރިގު އަދި ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދެވެ.
އޭގެ އިތުރުން މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމެވެ.
މި ހުރިހާ ބޭފުޅުންގެ ތެރެއިން ތޯރިގު ފިޔަވާ އެހެން ބޭފުޅުންނަކީ 18 ވަނަ ރައްޔިތުން މަޖިލީހުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. އަދި ތޯރިގަކީ 19 ވަނަ މަޖިލީހުގައި ހަމަ މަހިބަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.
ހީނާ ވިދާޅުވީ އެ ހުރިހާ ނަންތައް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.