މޫސުން ގޯސްވެ މާލެ ސަރަހައްދަށް ނެރުނު އިރެންޖު ސަމާލު ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުގެ ސަމާލުގައި ބުނެފައި ވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިއްޔެއިން ފެށިގެން އެކި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އޮރެންޖު އެލާޓް އަންނަނީ ނެރެމުންނެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގޯލް ސަރަޙައްދުގައި އުފެދެމުންދާ ކޮޅުގަނޑުގެ އަސަރު ކަމަށާއި ކުރިއަށް 3 ދުވަހު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ވައިގަދަވެ މޫސުން ގޯސްވާނެތީ އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތައް ހިމެނޭހެން ޔެލޯ އެލާޓެއްވެސް ވަނީ ނެރެފައެވެ. މި ސަރަހައްދުތަކަށް ގަދަވަޔާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައިވެއެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެކި އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށްވެސް އެ ފަރާތްތަކުން އިލްތިމާސްކޮށްފައި ވެއެވެ.