އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަދި ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމަށާއި އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، މިރޭ އީރާނަށް ފުރާވަޑައިގެންފިއެވެ.
އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމް އެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހީމް ރައިސީއާއި ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މި މަހުގެ 19 ވަނަ ދުވަހު ވަނީ ވެއްޓިފައެވެ.
އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިނަވްރު ނުސާފުވުމުން އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާން އަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފަވެއެވެ.
އެ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ދިޔައިރު އެއްވެސް މީހެއްގެ ހިލަމެއް ނެތްއިރު މެހެރް ނިއުސް އެޖެންސީގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހެލިކޮޕްޓަރުން ދަތުރުކުރެއްވި ހުރިހާ ބޭފުޅުން ވަނީ އަވަހާރަވެފައެވެ.
މި ހާދިސާ އާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައީސް ރައީސީ އާއި މިނިސްޓަރު އަބްދުﷲ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމަށާއި އެ ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިންގެ ހެޔޮ ދުއާ ވަނީ އީރާންގެ އާއިލާތަކާއެކު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން މެއި 21 އިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.