ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އާލް ސައުދު އަށް ފުއްޕާމޭގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.

ސައުދީގެ ހަބަރުތައް ބުނާގޮތުން މެޑިކަލް ޓެސްޓްތަކެއް ހެދުމުގެ ތެރޭގައި ފުއްޕާމޭގެ އާލާސްކަންފުޅެއް ހުރިކަން ފާހަގަވެ ރަސްގެފާނަށް ފަރުވާ ދެމުން ގެންދަނީ ޖިއްދާގެ ހޮސްޕިޓަލެއްގައެވެ.

އުމުރުފުޅުން 88 އަހަރުގެ ސަލްމާން ރަސްގެފާނަކީ 2015 ގައި ރަސްކަމުގައި ހުންނެވި އަބްދުالله އަވަހާރަވުމާއެކު ވެރިކަމާ ހަވާލުވެވަޑައިގެން މިއަދާ ހަމައަށް ސައުދީގެ ރަސްގެފާނެވެ.

2020 ގައި ވެސް އާލާސްކަންފުޅެއް ޖެހިވަޑައިގެން ރަސްގެފާނު ވަނީ ގޯލްބްލެޑާ ވެސް ނަންގަވާފައެވެ.

ފުއްޕާމޭގެ މި އާލާސްކަންފުޅާ ގުޅިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޖަޕާން ކުރެއްވުމަށް ތާވަލު ކުރި ދަތުރެއް ވެސް ކެންސަލް ކުރައްވާފައެވެ.

މުހައްމަދު ވަލީއަހުދަކަށް އައްޔަން ކުރީ 2017 އާ ހަމައަށް ވަލީއަހުދަކަށް ހުންނެވި މުހައްމަދު ބިން ނާފިއު މަގާމުން ދުރުކުރުމަށް ފަހުއެވެ.

ވަލީ އަހުދު މުހައްމަދަކީ ސައުދީ އާއި މެދުއިރުމަތީގައި މިވަގުތު ހުންނެވި އެންމެ ހައިބަތު ބޮޑު އެއް ލީޑަރަށް ވާއިރު މެދުއިރުމަތީގެ ގިނަ މައްސަލަތަކުގައި ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން މުހައްމަދާ މަޝްވަރާ ކުރައްވައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވަނީ ސައުދީ އަށް ވަޑައިގެން މުހައްމަދާ ބައްދަލު ކުރައްވައި މެދުއިރުމަތީގެ މަޝްރަހާއި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގާޒާ ހަނގުރާމަ އާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިޒްރޭލުން ގާޒާ އަށް އަރާ ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ބަސް ބުނުމުގައި ސައުދީގެ ދައުރު ކުޑައިރު ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑުކިޔުން ސައުދީއަށް ވަނީ އަމާޒު ވެފައެވެ.