އިޒްރޭލުން ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ގުޅިގެން ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމުން އެމެރިކާގެ ރައީސް ކޯފާ އިސްކުރައްވައިފިއެވެ.
ބައިޑަން ވިދާޅުވީ ހަމާސް އާއި އިޒްރޭލު އަޅާ ކިޔޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ކޮންމެފަދަ އަމުރަކަށް އެދުނު ނަމަވެސް އިޒްރޭލުގެ ދިފާއުގައި ގަދަކޮށް އެމެރިކާ އޮންނާނެ ކަމަށެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ލޯޔަރުން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރުގެ އިތުރުން ދިފާއީ ވަޒީރު ހިމެނެއެވެ. އަދި ހަމާސްގެ އެންމެ އިސް 3 ލީޑަރުން ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް އެދިފައި ވެއެވެ.
އެކަމާ ގުޅިގެން ހަމާސްގެ ލީޑާޝިޕުން ބުނީ, ގާތިލުންނާއި އެމީހުންގެ ޝިކާރައަކަށް ވެފައި ވާ މީހުން ލޯޔަރުންނަށް އޮޅިފައި ވާ ކަމަށެވެ. އަދި ހައްޔަރު ކުރަންވީ އިޒްރޭލުގެ ލީޑާޝިޕާއި އަސްކަރީ ފައުޖުތައް ކަމަށް ބުނެފައި ވެއެވެ.
އިޒްރޭލާއި ފަލަސްތީނާއި އަދި އެމެރިކާ އަކީ ބައިނަލްއަގުވާމީ ޖިމާއީ ކޯޓުގެ މެންބަރުންނަށް ނުވާއިރު އެކޯޓު ބަލައިގެންފައި ވާ ފަރާތްތަކެއް ވެސް ނޫނެވެ. އެ ކޯޓުގެ ޗާޓަރު ބުނާގޮތުން ހައްޔަރު ކުރުމުގެ އަމުރެއް މީހެއްގެ މައްޗަށް ނެރެފި ނަމަ, މެންބަރުންގެ ގޮތުގައި ހިމެނޭ ގައުމުތަކަށް އެމީހަކު ހައްޔަރު ކުރަން ލާޒިމު ވާނެއެވެ. އެގޮތުން އެއިން މީހަކު މެންބަރު ގައުމަކަށް ގޮސްފިނަމަ ހައްޔަރު ކުރަން ޖެހޭނެއެވެ.
ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިން ހައްޔަރު ކުރަންވެސް އެކޯޓުން މީގެ ކުރިން ނެރުނު އަމުރެއް އެބައޮތެވެ. އެ އަމުރާ ހުރެ ޕުޓިން އަށް ދެކުނު އެފްރިކާ އަށް ވަޑައިނުގެންނެވުނު ހާދިސާއެއްވެސް މީގެ ކުރިން ހިނގާފައި ވެއެވެ. ދެކުނު އެފްރިކާ އަކީ އެ ކޯޓުގެ މެންބަރެއް ކަމުން ޕުޓިން ވަޑައިގެންފި ނަމަ ހައްޔަރު ކުރަން ޖެހޭނެ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ ވެރިން ގޮވާލަމުން ގެންދިޔައެވެ.
އައިސީސީ ނުވަތަ ބައިނަލްއަގުވާމީ ކޯޓުން އަމުރެއް ހޯދަން ލޯޔަރުން ހުށަހެޅި މައްސަލައިގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ, އަމުރެއް ހޯދަން އެ ކޯޓަށް ހުށަހެޅުމަކީ ލަދުވެތި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާތަކަށް ހިޔަނި އެޅިގެން ދާ ކަމަށެވެ. ބްލިންކެން އެހެން ވިދާޅުވި އިރު އެ ދެފަރާތް ސުލްހަ ކުރުމުގެ ނަމުގައި އެކިއެކި ދުވަސްމަތިން ވާހަކަތަކެއް ދެއްކުން ފިޔަވައި އިތުރު ކަމެއް ކުރެވިފައެއް ނުވެއެވެ. އެ ވާހަކަތަކާއެކު އިޒްރޭލު ހިތް ފުރޭވަރަށް ހަތިޔާރު ދީގެން އިޒްރޭލު ލައްވައި ގާޒާގެ ރައްޔިތުން މެރުމުގެ އަޑީގައި އޮތީ އެމެރިކާއެވެ.
މި ކަމާ ގުޅޭ ގޮތުން ނަތަންޔާހޫވެސް މިރޭ ވަނީ ބަޔާނެއް ދީފައެވެ. އޭނާ ބުނެފައި ވަނީ, އިޒްރޭލުން ދެމި އޮތުމަށް ކުރަމުން ގެންދާ 'ޖިހާދަށް' ޖިނާއީ ކޯޓުން ހުރަސް އަޅަނީ ކަމަށާއި އެއީ ހުތުރުކަން ބޮޑު އަމަލެއް ކަމަށެވެ.
އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކަށް ކުޑަވެސް ލުޔެއް ދީފައި ނުވާ އިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
ހަނގުރާމައިގެ ތަފާސް ހިސާބުތަކަށް ބަލާއިރި މިއަދާ ހަމައަށް 15,000 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. ބޮޑެތި މީހުނާއެކު 35 ހާހަށް ވުރެ ގިނަ މީހުން ޝަހީދު ވެފައި ވާ އިރު ޒަހަމްކޮށްލި މީހުންގެ އަދަދު ލައްކަ އަކާ ގާތް ކޮށްފިއެވެ.
އިޒްރޭލުން ގާޒާގެ އުތުރާއި މެދުތެރެ ތަޅާ ސުންނާފަތިކޮށް ރަފާ އަށް އަރާފައި ވާ އިރު, ރަފާގައި ހިޔާވަހިކަން ހޯދައިގެން ތިބި 1.4 މިލިއަން މީހުންގެ ތެރެއިން 800,000 މީހުން މިހާރު ވަނީ ރަފާ ދޫކޮށް އަލް މަވާސީ އަށް ގޮސްފައެވެ.
ބައިޑަންއާއެކު ނަތައްނާހޫ ހައްޔަރު ކުރަން ރަގަޅުވާނެ އެއީ އެއީ ބޮޑުބާވެރިއެއް