ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މި ފަދައިން ނިންމަވާފައި ވަނީ އިއްޔެ ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެބޭފުޅުންގެ ލަފާފުޅާވެސް އެކުގައެވެ. "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ނަމުގައި ބާއްވާ މި މައުރަޒު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ މެއި މަސްތެރޭގައެވެ.

އެގޮތުން މައުރަޒުގެ ވާދަވެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކުން ބައިވެރިވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މައުރަޒު ބޭއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މި މައުރަޒު އިންތިޒާމްކޮށް ހިންގުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި ގުޅިގެންނެވެ. އަދި އަހަރުން އަހަރަށް މި މައުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.