އީރާނުގެ ރައީސް އިބްރާَހިމް ރައީސީ އާއި ހާރިޖީ ވަޒީރުގެ އިތުރުން 2 އޮފިޝަލަކު ދަތުރު ކުރައްވަނިކޮށް ފަރުބަދަ ތަކުގެ ތެރެއަށް ވެއްޓި ގެއްލުނު ހެލިކޮޕްޓަރު ފެނިއްޖެ ކަމަށާއި އޭގެ ތެރޭގައި ތިބި މީހުންގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އީރާނުގެ ރެޑްކްރެސެންޓުން ބުނެފިއެވެ.
އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމް އެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސީ އާއި ހާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުއްލޯހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ.
3 ހެލިކޮޕްޓަރެއް އެކުއެކީގައި ދަތުރުކުރަމުން ދިޔަ އިރު މިއަދަކީ މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިންވަރު 5 މީޓަރު ހާ ހިސާބަށް ނުސާފު ދުވަހެއް ކަމަށާއި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގި އިރު އެކަން ދިމާވެފައި ވަނީ, އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާން އަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އީރާނުގެ ރެޑް ކްރެސެންޓުގެ އޮފިޝަލުން ބުނީ ހެލިކޮޕްޓަރު އޮތް ސަރަހައްދަށް މިހާރު ދެވިފައިވާ ކަމަށާއި ނަމަވެސް ހެލިކޮޕްޓަރު ތެރެއިން ދިރިހުރި އެއްވެސް މީހެއްގެ ހިލަމެއް އަދި ނުވާ ކަމަށެވެ.
ޑްރޯން ފޯޓޮއެއް ކަމަށް ބުނެ އާންމުވެފައި ވާ ފޮޓޯއެއްގައި ފަރުބަދައެއްގެ މައްޗަށް ވެއްޓި ގޮވާފައި އޮންނަ ހެލިކޮޕްޓަރެއް ފެނެއެވެ. އެއީ އީރާނުގެ ރައީސް ދަތުރު ކުރެއްވު ހެލިކޮޕްޓަރު ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށެއް ނުދެއެވެ.
އީރާނުގެ ރައީސް އަޒަރުބައިޖާނުން ފުރާވަޑައިގަތީ އީރާނުގެ އެއާފޯސްގައި ބޭނުން ކުރާ 'ބެލް 212' މަރުކާގެ ހެލިކޮޕްޓަރެކެވެ.