ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް އިނގިރޭސި ބަހުން ވާހަކަދައްކަން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންފުޅުވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް އަށް 'ރަނގަޅަށް' އިނގިރޭސި ބަހުން ވާހަކަދައްކަން ނޭގޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ މިނިސްޓަރު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ހަފްލާގައިވެސް އިނގިރޭސި ބަހުން ވާހަކަދެއްކި ގޮތުން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ހަރަކާތްތަކުގައި މިނިސްޓަރުގެ ވާހަކަދެއްކުމުގެ ފެންވަރު ދައްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން 'ސަންގު ޓީވީ'ގެ ޕްރޮގްރާމެއްގައި ފައިސަލް ވިދާޅުވީ އޭނާ ހުންނެވި މަގާމުގެ ސަބަބުން، ވަކި ސްޓޭންޑެއްގައި ހިފެހެއްޓުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމަށެވެ. "އަޅުގަނޑު ޕްރެކްޓިސްކޮށް ޓްރެއިނިންތައް ހަދައި އިރާދަކުރެއްވިޔާ ކުރިއަށް އޮތް 6 މަސް ތެރޭ އެކަން ރަނގަޅު ކުރާނަން" ކޯޗެއް ހަޔާކޮށް ވާހަކަދެއްކުމުގެ ފެންވަރު ރަނގަޅުކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން ފައިސަލް ވިދާޅުވިއެެވެ.

ފައިސަލްގެ މި ވާހަކަތަކާއި ގުޅިގެން ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓް "އަނެއްދިވެހިރާއްޖޭ" ގައި ކުރި ޕޯސްޓެއްގައި ވަނީ ފައިސަލްއަށް އިނގެރޭސި ކިޔަވައިދިނުމުގެ ވަޒީފާއަށް ޝައުގުވެރިވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި މިކަމަށްޓަކައި ފައިސަލް ވަޑައިގަންނަވަން ޖެހޭނީ ގާނާގެ ވެރި ރަށް އަކްރާއަށްކަމުގައި އެ ޕޯސްޓުގައި ވެއެވެ.