ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ތިލަފުށީ ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއްވެސް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ވިއްކުމަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ތިލަފުށިން ބިން ގަނެފައިވާ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފިޔަވަހިތަކަށް ބަހާލައި، ފުރިހަމަވާ ނިސްބަތަކުން، އެ ބިންތަކުގެ ފައިސާ ދައްކާ ހަމަކުރާ ގޮތަށެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ދާ ނިސްބަތާއި ކަނޑައެޅިފައިވާ މައިލްސްޓޯން ފުރިހަމަވާ މިންވަރު ބިން ގަނެފައިވާ ފަރާތްތަކަށް އަންގަމުންދާނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތް ކުރަނީ، ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް، ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ތަނުގެ ބޭނުން ކުރެވޭނެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލުން ކަމަށެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.