ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައ ވައިގަދަވާނެކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީދޫ ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މިއަދު 10:00 އިން 14:00 އަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެެ.
މެޓް އޮފީހުން އައްޑޫ ސިޓީ ހިމެނޭ ގޮތަށް ރީދޫ ސަމާލު ނެރެފައިވާއިރު ރޭ އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހި ފޭދޫގެ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އައްޑޫ ސިޓީ ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރު ސްޓޭޝަނުން ރޭ ކުރިއަށް ގެންގޮސްފައިވާއިރު މަގުތަކުގައި ބޮޑުވެފައިހުރި ފެންގަނޑު ހިއްކައި، މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް ލަފާކޮށް ހުދު ސަމާލުނެރެފައެވެ. މިއަދު ހެނދުނު 06:00 އިން ފެށިގެން 12:00 ހަމައަށް ނެރުނު ހުދު ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރަކަށްވާއިރު ހާއްސަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.