ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11 ޕަސަންޓް އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ 2023 ވަނަ އަހަރުގެ 15 މެއި ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 751،101 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މެއި 15ގެ ނިޔަލަށް 837،189 ފަތުރުވެރިން ޜާއްޖެ ވަނީ އައިސްފައެވެ. މިއީ ހުސްވި އަހަރާ އަޅާ ބަލާއިރު 11.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން 93،329 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 84،559 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އިންޑިއާއިން 47،649 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިނގިރޭސިވިލާތުން 29،429 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ޖަރުމަނުން 65،792 ފަތުރުވެރިން ޒިޔާރަތްކުރިއިރު ފްރާންސްއިން 31،359 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،198 ފެސިލިޓީއެއް އޮޕަރޭޓްކުރަމުންދާއިރު އޭގެ ތެރޭގައި 181 ރިސޯޓާއި 854 ގެސްޓްހައުސް އާއި 148 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު ދާދިފަހުން ރާއްޖެއިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ)އިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)2024 ގައި ރާއްޖެއިން ހަތަރު ކެޓަގަރީއަކުން އެވޯޑްވެސް ހާސިލްކޮށްފައެވެ.

އެގޮތުން މިއަހަރު ރާއްޖެއަށް އެވޯޑް ލިބުނު ކެޓަގަރީތަކުގެ ތެރޭގައިި، އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން ހިމެނެއެވެ.

މީގެ އިތުރުންވެސް ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ މި 5 އަހަރުގެ ތެރޭގައި 6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ވިދާޅުވެފައެވެ.