ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ކުނި ޕިކަޕްގެ ފީ 500 ރުފިޔާ އަށް ކުޑަކޮށްފިއެވެ.

މީގެ ކުރިން ވެމްކޯ އިން ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލުމަށް ނަގަމުން އައީ 750 ރުފިޔާއެވެ. ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ޓަނަކަށް ނަގާ ފީ 500 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ. އަދި ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150 ރުފިޔާ ގެ ގޭޓް ފީ ނެގުން ހުއްޓާލާފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެމްކޯ އިން ބުނީ މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ނުވަތަ ވެއި ބްރިޖް ގާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަން ބަލައި އަގު ނެގުން ހުއްޓާލާފައިވާކަމަށެވެ.

ވެމްކޯއިން ނަގަމުން އައި ފީ ކުޑަކޮށްފައިވާއިރު މިދިޔަ މަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ކުނި އުކާލުމަށް ނަގަމުން އައި ފީ ކުޑަކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.