އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ ކުރި އިބްރާހީމް ވިޝާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރޭ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ.

އާގިލްގެ މަރުގެ މައްސަލާގައި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި މައްސަލައިގައި ވިޝާމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އިބްރާހީމް ވިޝާމްގެ ބައިގެ ހުކުމާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް ލިބުމުން، ދިރާސާކުރުމަށްފަހު މައްސަލަ އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރި ކަމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ.

މިޖުވާދު އަދި ހަމްދޫން ހަމްޒަތުގެ ބައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު އެ ދެމީހުންގެ ބައި އޮތީ ހުކުމް ކުރުމުގެ މަރުހަލާގައި ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ސީން އޮފް ކްރައިމްސް އޮފިސަރު އަޝްފާގް ހަސަން މީގެ ކުރިން ވިދާޅުވެފައި ވަނީ އާގިލްގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރި ކަމަށާއި، ވާއަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އަދި އާގިލްގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތައް ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަން އެނގޭ ކަމަށް ވެސް އަޝްފާގު ވަނީ ވިދާޅުވިއެވެ.