މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ އެ ދުވަސްތަކުގައި ވައިބާރިވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މެޓް އޮފީހުން ވަނީ ގޮވާލާފައެވެ.

މި އަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެންބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.