މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި 3 މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް އަންގާފައި ވަނީ 2 ފިރިހެނުންނާއި އަންހެނަކަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް މި މީހުންނަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުން ވަނީ އެ މީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދާ ފަރާތްތައް:
- އަލީ ޝަރީފް / ހއ. ތުރާކުނު، އަސުރުމާގެ (25 އަހަރު، A285664)
- އަލީ ޝަމީމް / ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު (37 އަހަރު، A135625)
- އާއިޝަތު ނުހާ / އދ. ކުނބުރުދޫ، މާބަގީޗާގެ (24 އަހަރު، A273640)
ފުލުހުން ވަނީ މި މީހުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާފައެވެ. ފުލުހުން ބުނީ މި މީހުން ފުލުހަށް ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.