ހިޔާ ފްލެޓް H5-3-18 އަށް އޮޅުވާލައިގެން މީހުން ގެންގޮސް ބްލެކްމެއިލް ކޮށްގެން ފައިސާ ފޭރުނު މައްސަލައިގައި ހިމެނޭ މީހެއްގެ މަންމަ ހަމައެފަދަ މައްސަލައެއްގައި ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ މ. ގޯބިލިގަސްދޮށުގެ، ސަލީމާ ސަލީމެވެ. އުމުރުން 52 އަހަރުގެ ސަލީމާ ހޯދަނީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށް ފުލުހުން ބުނެއެވެ.

މިއަހަރު ކުރީކޮޅު ވަނީ ހަމައެފަދަ މައްސަލައެއްގައި އޭނާގެ އަންހެން ދަރިފުޅު ހައްޔަރުކޮށްފައެވެ. ސަލީމާގެ ދަރިފުޅު، އާމިނަތު ހުމައިނާ ޒަކަރިއްޔާ، މ. ގޯނބިލިގަސްދޮށުގެ، ހައްޔަރުކޮށްފައި ވަނީ އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާކަމުގެ ތުހުމަތުގައެވެ. ހުމެއިނާ އަކީ އެކަމުގައި އެންމެ އިސްކޮށް އުޅުނު އެކަކު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް ހުމައިނާއަކީ މާބަނޑު އަންހެނަކަށް ވާތީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެހެން އެންމެން ބަންދުކުރިއެވެ.

ހިޔާ ފުލެޓްގައި ފޭރުނު މައްސަލައިގައި ހިމެނޭ ހުމައިނާ

އެ އެޕާޓްމަންޓަކީ ހުމެއިނާގެ މައިންބަފައިންގެ ތެރެއިން މީހަކަށް ލިބިފައިވާ ފްލެޓެކެވެ. އޭގެ އިތުރުން ހުމައިނާއާ ގުޅުން ހުރި އިތުރު ބަޔަކު ވެސް އެ ފްލެޓަށް ވަދެ ނުކުމެ އުޅޭ ކަމަށް ވެއެވެ.

ހިޔާގެ އެޕާޓްމަންޓަށް މީހުން ގެންގޮސްފައިވަނީ އެ ތަނުގެ ތެރޭގައި ފައިސާއަށް ހަށިވިއްކާ ކަމަށް އިސްތިހާރުކޮށްގެންނެވެ. އޭގެ ތެރެއިން، ސޯޝަލް މީޑިއާގެ އެކި ފްލެޓުފޯމުތަކުގައި އަންހެނުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައި ހަށިވިއްކާ ކަމަށް ބުނެ ފިރިހެނުންނާ ގުޅުން ބޭއްވުމަށްފަހު އެ މީހުންނަށް ބިރު ދައްކައި އަނިޔާކުރުމަށްފަހު ބްލެކްމެއިލްކޮށް އެ މީހުންގެ އަތުން ގިނަ އަަދެއްގެ ފައިސާ އަދި މޮބައިލް ފޯނު ފޭރިގަންނަ ގިނަ މައްސަލަތަކެއް ފުލުހަށް ވަނީ ހުށަހަޅާފައެވެ.

ހިޔާގެ އެ އެޕާޓްމަންޓަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެ ތަކެތި ވިއްކައި އަދި ހަށިވިއްކުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން ބަލާ ފާސްކޮށްފައިވާ ތަނެކެވެ. އެހެންވެ، ތަކުރާރުކޮށް ކުށްކުރަމުން ދާތީ އެކަން އެޗްޑީސީގެ ސަމާލުކަމަށް ގެނެސް، އެ މައްސަލަ ހައްލުކުރަން ވާހަކަދައްކަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.