ޔޫކްރައިން ހަނގުރާމަ ފެށިފަހުން ދިން އެއްގަމުގެ އެންމެ ވަރުގަދަ ހަމަލާތަކުގައި ކާކީވް އާ އިންވެގްނެ އޮންނަ ސަރަހައްދުން 9 ވިލެޖެއް ރަޝިއާ އިން ހިފައިފިއެވެ.
ހަބަރުތައް ބުނާގޮތުން ރަޝިއާ ސިފައިން ދިން ކުއްލި ހަމަލާތަކުގައި އަތުލި ތަންތަނަކީ ޔޫކްރައިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކާކީވް އަށް ވަދެގަތުމަށް ރަޝިއާއިން މަގުފަހި ކުރުމަށް އަތުލި ވިލޭޖްތަކެވެ. މިއާއެކު ރަޝިއާ ސިފައިން ކާކީވްގެ ބޯޑަރާ ކައިރިއަށް ޖެހިފައި ވާ އިރު, ޔޫކްރައިންގެ އޮފިޝަލުން ބުނެފައި ވަނީ, ބައެއް ސަރަހައްދު ތަކުން ރަޝިއާ ސިފައިން ފަހަގަތަށް ޖައްސާފައި ވާ ކަމަށެވެ.
އެ ވިލެޖްތަކަކީ މާ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދު ތަކަކަށް ނުވި ނަމަވެސް އެތަންތާނގައި ދިރިއުޅުނު މީހުން ސަލާމަތް ވާން ކާކީވް އަށް ވަންނަމުން ދާ އިރު ޔޫކްރައިންގެ އޮފިޝަލުންގެ ކަންބޮޑުވުމަކީ ކައިރިން ހަމަލާ ދެވޭހާ ގާތަށް ރަޝިއާ ސިފައިން ޖެހެމުން އައުމެވެ. އެއާއެކު ދެން ކުރިމަތިވެދާނެ ނުރައްކަލެއްގެ ސިގްނަލް އަޅަމުން ދާ އިރު ޔޫކްރައިން އިން ދަނީ ހުޅަނގުން އެގައުމަށް ދޭން ބުނާ ހަތިޔާރު ދިނުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރަޝިއާގެ ފައުޖުތައް ކުރިއަރަމުން ދާ އިރު ޔޫކްރައިން އަށް ހިތްވަރު ދެއްވުމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން މިވަގުތު ވަޑައިގެން ހުންނެވީ ޔޫކްރައިންގައެވެ. އޭނާ ޔޫކްރައިން އަށް ވަޑައިގެން އޮފިޝަލުންނާ ބައްދަލު ކުރައްވާފައި ވާ އިރު އެމެރިކާއިން ވަނީ 64 ބިލިއަން ޑޮލަރުގެ ޕެކޭޖެއްވެސް ޔޫކްރައިން އަށް ދޭން ފާސްކޮށްފައެވެ. އޭގެ އިތުރުން މާލީ އެހީގެ ގޮތުގައިވެސް ބޮޑެތި އަދަދުތައް ދޭން ނިންމާފައި ވާ އިރު އިނގިރޭސީން ވަނީ 2.5 ބިލިއަން ޑޮލަރުގެ ޕެކޭޖަކާއި އިތުރު 500 މިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭނެކަން އިއުލާން ކޮށްފައެވެ.
މި އެހީގެ ބޮޑުބަޔަކީ ހަތިޔާރުގެ ގޮތުގައި އެގައުމުތަކުން ޔޫކްރައިން އަށް ދޭ އެހީއެވެ. އޭގެ ތެރޭގައި އެގައުމުތަކުގައި ބޭނުން ކުރާ އެންމެ ޒަމާނީ ހަތިޔާރާއި މިސައިލާއި, ޓޭންކަރުތަކާއި ބޮން އަޅާ ބޯޓުތައް ވެސް ހިމެނެއެވެ. މީގެ އިތުރުން އަސްކަރީ އެތައް ވެހިކަލަކާއި, ވަޒަނާއި އެކި ބާވަތުގެ ގޮވާތަކެތީގެ އިތުރުން ރަޝިއާގެ ހަމަލާތަކުން ދިފާއުވުމަށް ބޭނުންވާ ޓެކްނޮލޮޖީ ފޯރުކޮށް ދިނުންވެސް ހިމެނެއެވެ.