އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާ އަދި އިޒްރޭލުން ގާޒާ އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މައިގަނޑު ހުރިހާ ހަތިޔާރެއް ފޯރުކޮށް ދޭ އެމެރިކާއިން ނުދީ ހިފެހެއްޓި 3500 ބޮމާ ގުޅޭ ގޮތުން ހާރިޖީ ވަޒީޒު އެންތަނީ ބްލިންކެން ވާހަކަ ދައްކަވައިފިއެވެ.
ހަތިޔާރު ނުދީ ހިފެހެއްޓި ހިފެހެއްޓުން ދިފާއު ކުރައްވައި ބްލިންކެން ވިދާޅުވީ, އިޒްރޭލުން ރަފާ އަށް އަރައިގެންފިނަމަ އެތާ ތިބި 1.4 މިލިއަން އާންމުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައި ވާ ވަގުތެއްގައި އެމީހުންނަށް ރައްކާތެރިކަން އިޒްރޭލުން ދޭނެ ގޮތުގެ ސާފު ޕްލޭނެއް ނެތް ކަމަށެވެ. މިހާރުވެސް އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން އިޒްރޭލުން ގާޒާގައި ގަތުލުއާންމު ހިންގާފައި ވާ ކަމުގެ ތުހުމަތު އޮތް އިރު ބްލިންކެން ވިދާޅުވީ, އިޒްރޭލަށް އެހީވުމުގައި އެމެރިކާ އަބަދުވެސް ދެމި އޮންނާނެ ކަމަށާއި މިވަގުތަށް ހިފެހެއްޓި ޝިޕްމަންޓަކީ 2000 ޕައުންޑާއި 500 ޕައުންޑްގެ ބޮން ހިމެނޭ ޝިޕްމަންޓެއް ކަމަށެވެ.
ދާދި ފަހުން އެމެރިކާގެ ކޮންގްރެސް އިން ފާސް ކުރި 14 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖްގައި ހިމެނޭ އެހެން ހުރިހާ ހަތިޔާރެއް އެމެރިކާއިން އިޒްރޭލަށް ފޮނުވާފައި ވާއިރު މި ހިފެހެއްޓި ޝިޕްމަންޓުން އިޒްރޭލަށް ކުޑަވެސް ލޮޅުމެއް ނާރާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާއިން އެ ޝިޕްމަންޓު ހިފެހެއްޓި އިރު, އެހެނިހެން ސައިޒްގެ ބޮމާއި, ވަޒަނާއި, އެހިހެން ގޮވާތަކެތި ގިނަ އަދަދަކަށް ދީފައިވާ ވާ އިރު އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ ޖަރުމަނާއި އިނގިރޭސިވިލާތާއި ފްރާންސުން ފޯރުކޮށްދޭ ހަތިޔާރުގެ އަދަދަކަށް ވެސް އަދި ބާވަތަކަށް ވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އެމެރިކާގެ މިފިޔަވަޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިނގިރޭޗި ހާރިޖީ ވަޒީރު ޖޭމްސް ކެމަރަން ވިދާޅުވީ, އިޒްރޭލުން ރަފާ ހިފުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ނަމަވެސް އިޒްރޭލުން ރަފާއަށް އެރިޔަސް އަދި ހަމަލާ ދެމުން ދިޔަ ނަމަވެސް އިނގިރޭސީން ފޯރުކޮށްދޭ ހަތިޔާރު ދިނުން ހުއްޓާނުލާނެ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުން ހަތިޔާރު ދިނުން ހުއްޓާލައިފި ނަމަ އެއީ ހަމާސް އަށް ލިބޭ ކާމިޔާބީ އެކެވެ. ހުއްޖަތަކަށް އޭނާ ދައްކަވަނީ, އިޒްރޭލުން އީރާނުގެ އެމްބަސީއަށް ހަމަލާ ދިނުމުން ބަދަލު ހިފަން އީރާނުން އިޒްރޭލަށް ދިން ހަމަލާއެވެ. އޭނާ ވިދާޅުވީ, އިންގިރޭސީން ހަތިޔާރު ދިނުން ހުއްޓާލައިފި ނަމަ ހަމާސް ގެ ބާރު ގަދަވެ އިޒްރޭލަށް ނުރައްކާ ވާނެ ކަމަށެވެ.
އިޒްރޭލުން ރަފާ ހިފުން އިނގިރޭސީންގެ އިތުރުން ޖަރުމަނުންވެސް ދެކޮޅު ހަދާ ކަމަށް ބުނެއެވެ. ނަމަވެސް އިޒްރޭލުގެ ހަނގުރާމަ ފުރިހަމަ ބާރާއި ހައިބަތުގައި ކުރިއަށް ގެންދިޔުމުގައި އެހީތެރިވަމުން ދާ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވެސް ހިމެނެއެވެ. ފްރާންސުންވެސް އެގައުމުގެ މަނަވަރުތަކާއި ސިފައިން އިޒްރޭލު ކައިރީގައި ގާއިމު ކޮށް އިޒްރޭލަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރު ކޮށްދެމުންނެވެ.
އެމެރިކާގެ ޝިޕްމަންޓް ހުއްޓުވި މައްސަލައިގައި އެމެރިކާ ދެކެ ނުރުހިއްޖެ ކަން ދައްކަމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލު އެކަނި ވިޔަސް ރަފާ އަށް އަރާ އެތަން ތަޅާ ފުނޑުފުނޑު ކޮށްލާނެ ކަމަށް ބުނެފައެވެ. އެއާއެކު ރަފާ އާއި އިޒްރޭލު ގުޅޭ އިތުމަތީ ކަނުގެ ސަރަހައްދު މިހާރު ހިފާފައި ވާ އިރު, ރަފާގެ އިތުރު ސަރަހައްދުތަކުން އާންމުން ފައިބަންވެސް ވަނީ އަންގާފައެވެ. އިޒްރޭލުން މިހާރު ހިފާފައި ވާ ރަފާގެ ބަޔަކީ 110,000 މީހުން ދިރިއުޅުނު ތަނެއް ނަމަވެސް މިހާރު އެތާނގައި މެއްސެއް މާބުރެއްވެސް ނެތެވެ. ފުރާނަ ސަލާމަތްވި ވި މީހަކު ވިއްޔާ މިހާރު ވަނީ ރަފާގެ ހުޅަނގުން މެޑިޓަރޭނިއަން ކަނޑާ ދިމާއަށް އޮންނަ އަލް މަވާސީ އޭ ކިޔާ ސަރަހައްދަށް ގޮސްފައެވެ.
އިޒްރޭލުގެ އުދުވާން ވަރުގަދަ ކޮށް ފުޅާ ކުރަމުން މިހާރު ބުނަމުން ދަނީ ހަމާސްގެ މުޖާހިދުން މިހާރު ފިލާ ތިބީ ރަފާ ގައި ކަމަށެވެ. އިޒްރޭލުން ބަހަނާ ދައްކާ ގަތުލުއާންމު ހިންގަމުން ދާ އިރު އިއްޔެ އާއި މިއަދު ވަނީ އެއްގަމު މަގުން ގާޒާގެ އުތުރުގައި އޮތް ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ވެސް ވަދެގެންފައެވެ. މިތަނަކީ މީގެ ކުރިން ތަޅާ ސުންނާފަތި ކޮށް އެއްވެސް ދިރުމެއް ނެތޭ ބުނެ އިޒްރޭލުން ފޭބި ސަރަހައްދެކެވެ.
އިޒްރޭލުގެ އުދުވާން ހުއްޓުމަށް ގޮވާލައި ދުނިޔޭގެ އެތަން މިތާނގައި މުސްލިމުންނާއި ފަރަންޖީން މުޒާހަރާ ކުރަމުން ދާ އިރު އެމެރިކާގެ އެންމެ ބޮޑެތި ޔުނިވާސިޓީ ތަކުގެ ގްރެޖުއޭޝަންގައި ވެސް ދަރިވަރުން އަންނަނީ ފަލަސްތީނުގެ މިނިވަން ގޮވާލައި އަޑުއުފުލަމުންނެވެ. އެގޮތުން މިޝިގަންގެ ގްރެޖުއޭޝަން މާ ސިންގާ ސްޓޭޑިއަމް އެއްގައި ބޭއްވި އިރު ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ފަލަސްތީނުގެ ދިދަ އާއި ފަލަސްތީން ރަމްޒު ކޮށްދޭ ސްކާފް އަޅައިގެން ތިބެ އިހުތިޖާޖު ކޮށްފައެވެ. މި އިހުތިޖާޖު ތަކުގައި ފަރަންޖީންވެސް ބައިވެރިވެއެވެ. ނަމަވެސް ފަލަސްނީނުގެ މިނިވަން ކަމަށް ގޮވާލައި އެމީހުންގެ ހައްގުގައި އަޑުއުފުލުމުގައި އަރަބި ގައުމުތައް ވަނީ ފަސް ޖެހިފައެވެ. މެދުއިރުމަތީގެ އެންމެ ބޮޑު ގައުމު ސައުދީ އާއި އުދުރުން, މިސްރު, ފަދަ ގައުމުތަކުގައި ފަލަސްތީނުގެ ހައްގުގައި ކުރެވޭ ކަންކަން ވަރަށް މަދެވެ.
މިސްރަކީ އިޒްރޭލާ އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމު ކުރި މުސްލިމް ގައުމެވެ. އިޒްރޭލާ ގާތް ގުޅުމެއް ބާއްވަމުން އަންނަ މިގައުމުން މިއަދު ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ވައްދާފައި ވާ މައްސަލައަށް ތާއީދު ކޮށް ތަދައްހުލް ވެފައެވެ. މިއީ އިޒްރޭލުގެ ބައިވެރިއެއްގެ ގޮތުގައި އޮތް މިސްރުން އިޒްރޭލާ ދެކޮޅަށް ތެދުވި ފުރަތަމަ ފަހަރު ކަމުން ބައެއް ފަރާތްތަކުން ދުވާލު އުފައްދާފައި ވެސް ވެއެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ މިސްރުގެ ސްޓޭންޑް ނުވަގަ މިސްރުން ގަބޫލު ކުރާ ގޮތް ބަދަލު ނުވާނެ ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް ބުނެފައެވެ.
ރަފާ ފަނާކޮށްނިމި ގިނަވާ ވަށްވެސް ބޮބް ދީފަ އޮތީ. ދެބޯގެރިދުއްވަން ބްލިންކަން އެ އުޅެނީ. ޢަރަބި ރަސްކަލުން ތިއެތި ގަބޫލުކިރާނި