ގައުމަށް އުޖާލާ މުސްތަގުބަލެއް ހޯދާދެވޭނީ ކުޑަކުދީންގެ ހައްގުގައި މަސައްކަތް ކުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހާއްސަ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމާބެހޭ ބައިނަލްއަގްވާމީ މުހިންމު މުއާހަދާތަކުގައިވެސް ރާއްޖެެއިން ބައިވެރިވެފައިވާ ކަަމަށެވެ.

އަދި ކުޑަކުދީންނަށް ހިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުސަތުތަކަށްޓަކައި ބޭނުންވާ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ގާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ފުރިހަމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ އެފަދަ އިތުރު އެތައްކަމެއް ކޮންމެ ސަރުކާރަކުންވެސް ކުރަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއްވާ ކަމަށެވެ.

އެއީ، ކުޑަކުދީންނަށް ރައްކާތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 1981 ވަނަ އަހަރު މަރުހޫމް މުހައްމަދު ޖަމީލް ދީދީ ޝާއިއު ކުރެއްވި، "ހައްތާވެސް ދަރީން" ގެ ވާހަކައަށް އަލި އަޅުއްވާލަމުން ރައީސް އެދިލެއްވީ، ކޮންމެ ކުއްޖަކާ މެދުވެސް ދަރިކުލުނާ އިމެއް އަދި މިނެއް ނެތް ތެދުވެރި ލޯތްބާއެކު މުއާމަލާތް ކުރެއްވުމަށެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު އެކި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދޭ ކަމަށާއި އެ ކުޑަކުދީންނަށާއި އާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުހާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް އިލްމާއި މައުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނަމެވެ. ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ އަޅުގަނޑުމެން ނުހަނު ހުޝިޔާރުވެ ތިބެއެވެ. ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެއެވެ. ސަރުކާރުން މި ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ހުރިހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނަން." ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.

މި ހާއްސަ ދުވަހުގައި ރައީސް ވަނީ ފަލަސްތީނުގައި އަނިޔާ ލިބެމުންދާ ކުޑަކުދިންގެ ވާހަކަތަކަށްވެސް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިހްސާސްތަކާއެކު، ހިތާމަވެރި އަސަރުކުރުވާކަމެއްވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި އެތައް ހާސް ކުޑަ ކުދިން ޖެހެމުންދާ ކަމަށެވެ. "އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތައުލީމާއި، އާއިލީ ލޯބިން މަހުރޫމްވަމުން އެދާ މައުސޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީންނެވެ." ރައީސް ވިދާޅުވިއެވެ.

1961 ވަނަ އަހަރުގެ މޭ މަހުން 10 ވަނަ ދުވަހު، ހަމީދިއްޔާ މޮންޓެސޫރީ ސްކޫލުގެ ނަމުގައި ތުއްތުކުދީންނަށް ކިޔަވައިދޭން ހާއްސަ މަދަރުސާއެއް ރާއްޖޭގައި އުފެއްދުން، އިން ފާހަގައެއްކަމުގައި ބަލައި، ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރާން ފެށީ 1979 ވަނަ އަހަރުއެވެ. ހަމީދިއްޔާ މޮންޓަސޫރީ ސްކޫލަކީ، މިހާރު ރާއްޖޭގެ ފަހުރުވެރި އެދުރުގެއެއް ކަމުގައިވާ އިސްކަންދަރު ސްކޫލެވެ.